ޚަބަރު

ރާއްޖެއާއި ޖަޕާނުގެ ގުޅުން ދަނީ އިތުރަށް ވަރުގަދަ ވަމުން- ސަފީރު


ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ވަރަށް ހަރުދަނާވެފައިވާކަމަށް ޖަޕާނުން ރާއްޖެއާއިލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެނީޝީ ސުގަނުމާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ޖަޕާންގެ އެމްބަސީ ހުޅުވުމުގެ މުނާސަބަތުގައި ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިހަފްލާގައި ވާހަކަ ދައްކަވަމުން ސަފީރު ސުގަނުމާ ވިދާޅުވީ މިއަންނަ އަހަރު ރާއްޖެއާއި ޖަޕާނުން ސިޔާސީ ގުޅުން ޤާއިމް ކުރިތާ 50 އަހަރު ފުރޭއިރު، ޖަޕާނުގެ އެންބަސީއެއް ރާއްޖޭގައި ހުޅުވިގެން ދިއުމަކީ މިގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ލިބުނު ބޮޑު ފުރުސަތެއްކަމަށެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެއްވި ހާޢްސަ މެސެޖެއް ރަސްމިއްޔާތުގެ ބައިވެރިންނަށް އިއްވަވާފައެވެ. މިމެސެޖްގައި ރައީސް ޔާމިންވަނީ ރާއްޖޭގައި ޖަޕާނުގެ އެންބެސީ ހުޅުވިގެން ދިއުމުން މިކަމަށް ޖަޕާނުގެ ސަރުކާރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު 2014ވަނަ އަހަރު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ފޮނިމީރުކަން މިހާރު ފެންނަން ފަށާފައިވާކަމަށް ރައީސްގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ.މިނިސްޓަރ ދުންޔާ މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަ ފުޅުގައި ވަނީ ޖަޕާނަކީ ރާއްޖޭގެ އިޤްތިސޯދީ، އިޖްތިމާއި އަދި އުމްރާނީ ތަރައްގީއަށް ބޮޑެތި އެހީތެރިކަމެއް ދެމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވާ މިކަމަށް ޖަޕާނު  ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ."ޖަޕަނުގެ ފަރާތުން ރާޢްޖޭގެ ކުރި އެރުމަށް ދީފައިވާ އެކި އެކި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސޯދާއި، އިޖްތިމާއި ކުރި އެރުމަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވޭ. އަދި އިންސާނީ ވަސީލަތް ބިނާކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، މަސްވެރިކަން ކުރި އެރުވުމާއި، ޓެލެކޮމިއުނިކޭޝަން، ޓްރާންސްޕޯޓް އަދި ސިއްހީ ދާއިރާގެ ކުރި އެރުވުމުގައި ޖަޕާނުން ވެދެއްވާފައިވާ އެހީތެރިކަން ބޮޑު ރޯލެއް އަދާކުރައްވާ. މިގޮތަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ 2004ވަނަ އަހަރުގެ ސުނާމީއަށް ފަހު ރާއްޖެއަށް ލިބުނު ގެއްލުން ފޫބެއްދުމަށް ޖަޕާނުން ބޮޑު އެހީތެރިކަމެއް ވެދެއްވި" މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ، މިހާރު ރާއްޖެވަދައިގެން އުޅުއްވާ ޖާޕާނުގެ ޕާލިމަންޓްރީ ވައިސް މިނިސްޓަރ މަސަކާކޫ ހަމާޗީ ވާހަކަ ދައްކަވަމުން ރާއްޖެއާއި ޖަޕާނާއި ދެމެދު ޒަމާނުއްސުރެން އޮތް ގުޅުމުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ. އަދި ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުޅުވިގެން ދިއުމަކީ ޖަޕާނުން ރާޢްޖެއާއި އޮންނަ ގުޅުމަށް ދޭ އަހަންމިޔަތު  ދައްކުވައިދޭ ކަމެއްކަމަށް ހަމާޗީ ވިދާޅުވިއެވެ.ރާއްޖޭގައި ހުޅުވުނު ޖަޕާންގެ އެންބަސީ ހުންނަނީ ހެންވޭރު އާގޭގެ އަށްވަނަ ފަންގިފިލާގައެވެ. އެމްބަސީ ރަސްމީކޮން ހުޅުވާފައިވަނީ އިއްޔެ ހެދުނުއެވެ.