ޚަބަރު

ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގައި 5 މީހަކު ހައްޔަރުކޮށްފި


އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ރެކޯޑުކޮށް، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލާގައި 5 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައަކީ ބިދޭސީއަކާއެކު ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެގެން ފެންމަތިވި މައްސަލައެކެވެ. ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ފަސް މީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ބ.ދަރަވަންދޫ، އަކިރި، ޙަމްދޫން ޢަބްދުﷲ (37އ) އާއި ބ.ދަރަވަންދޫ، ހީމަ، މުޙައްމަދު މިހާދު މުޞްޠަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ.

އެ މީހުންގެ ތެރެއިން ޙަމްދޫން ޢަބްދުﷲ އާއި މުޙައްމަދު މިހާދު މުޞްޠަފާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 18 ވަނަ ދުވަހުއެވެ. ޙަމްދޫން ޢަބްދުﷲގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާއިރު މުޙައްމަދު މިހާދު މުޞްޠަފާގެ ބަންދަށް 7 ދުވަސް ކޯޓުން ދީފައިވެއެވެ. އަދި މައުމޫން މޫސާ 2022 ސެޕްޓެމްބަރ 20 ވަނަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ދީފައިވެއެވެ.