ބުރޫނާއީ ދާރުއްސަލާމުގައި ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެވަނަ މެޗުގައި ލާއޯސް އަތުންވެސް ރާއްޖެ މޮޅުވެއްޖެއެވެ.
ބުރޫނާއީގެ ޓްރެކް އެންޑް ފީލްޑް ހަސަނަލް ބޮލްކިއާ ސްޕޯޓްސް ކޮމްޕްލެކްސްގައި ހޮނިހިރު ދުވަހު ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗު ރާއްޖޭން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ރާއްޖޭން ވަނީ މިދިޔަ ބުދަ ދުވަހު ބުރުނާއީ އަތުން 3-0 ގެ ނަތީޖާއަކުންވެސް މޮޅުވެފައެވެ.
ހޮނިހިރު ދުވަހު ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ރާއްޖޭން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލާއޯސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ބޯންފަޗަން ބޯންކޯންގެވެ.
މި މެޗުގެ ދެވަނަ ހާފުގައި ރާއްޖޭން ވަނީ ޒުވާން ފޯވާޑް އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) ކުޅެން އަރުވާފައެވެ. މިއީ ބައްކު ރާއްޖޭގެ ސީނިއާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
ދެވަނަ ހާފު ފަށައިގެން ރާއްޖެއިން އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ އަލުން ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހުސެއިން ނިހާން (ނިހާޓް) އެވެ.
މި މެޗުގައި ރާއްޖެއިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. މިއީ ހަމްޒާ މުޙައްމަދު (ހަމްޕު)ގެ އެހީތެރިކަމާއެކު އިއްބެ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑަށްފަހުވެސް ރާއްޖެއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑިއެވެ.
ބުރޫނާއީގައި ކުޅުނު މެޗުން ލާއޯސް އަތުން ރާއްޖެ މޮޅުވިއިރު، ރާއްޖޭން ވަނީ މީގެ ކުރިން ލާއޯސްއާއެކު ރަސްމީ ދެ މެޗެއް ކުޅެފައެވެ. އެއީ 2016 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައެވެ. އެ ފަހަރު މާލޭގައި ކުޅުނު މެޗުގައި ރާއްޖޭން ވަނީ 4-0 އިން މޮޅުވެފައެވެ. އެކަމަކު ލާއޯސްގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އަދި އޭގެ ކުރިން 2014 ވަނަ އަހަރު މާލޭގައި ލާއޯސްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުނުއިރު، އެ މެޗު ރާއްޖޭން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ