ޚަބަރު

ސޫރިޔާގެ އައްސޭރިފަށަށް ބޯޓެއް ފެތުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 86އަށް


ގިނަ އަދަދެއްގެ ބަޔަކާ އެކު ދަތުރުކުރަނިކޮށް ސޫރިޔާގެ އައްސޭރިފަށަށް ބޯޓެއް ފެތުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 86 އަށް އަރައިފިއެވެ. ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުން ދިޔަ ބޯޓެއް ސޫރިޔާގެ އައްސޭރިފަށުގެ ސަރަޙައްދަކަށް ފެތި، 34 މީހުން މަރުވެއްޖެއެވެ. ލުބުނާނުން ފުރައިގެން ދަތުރުކުރަމުން ދިޔަ މި ބޯޓުގައި ތިބީ ޤަވާޢިދާ ޚިލާފަށް ހިޖުރަ ކުރަން އުޅުނު ބަޔެކެވެ. ލުބުނާނުގައި ސޫރިޔާގެ މިލިޔަނަކަށް ވުރެ ގިނަ ރެފިޔުޖީން އުޅެއެވެ. އެ މީހުން ލުބުނާނަށް ހިޖުރަ ކޮށްފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށެވެ.

ނަމަވެސް، ލުބުނާނުގެ އިޤްތިޞާދީ ހާލަތު ދަށްވުމާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ސޫރިޔާގެ ރެފިޔުޖީން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަން މަސައްކަތް ކުރެއެވެ. ބޯޓު ފެތުނު އިރު އޭގައި 150 އަށްވުރެ ގިނަ މީން ތިބި ކަމަށާއި، އޭގައި ސޫރިޔާގެ ރައްޔިތުންގެ އިތުރުން ސުރިޔާގެ ރައްޔިތުން ވެސް ތިބި ކަމުގައި ސޫރިޔާގެ އޮފިޝަލުން ބުނެއެވެ.

ކަނޑުވި މީހުންގެ ތެރެއިން މިހާތަނަށް ސަލާމަތްކުރެވިފައި ވަނީ އެންމެ 20 މީހުންނެވެ. ސޫރިޔާގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ ތަރްތުސްގެ ހޮސްޕިޓަލެއްގައި އެ މީހުންނަށް ފަރުވާ ދެމުން ދާއިރު، މީގެ ތެރެއިން އަށް މީހެއްގެ ހާލު ދެރަ ކަމުގައި ސޫރިޔާއިން ބުނެއެވެ.

މި ހާދިސާގައި ކަނޑުވި މީހުންގެ ހަށިތައް ހޯދުމަށް ސޫރިޔާގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ރަޝިޔާއިން ވެސް ދަނީ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ލުބުނާނަށް ގެންގޮސް، އެ މީހުންގެ ޢާއިލާތަކާ ހަވާލު ކުރުމަށް ސޫރިޔާގެ ރެޑް ކްރެސެންޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ގޮތަށް ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަ ކުރާ މީހުންނާ އެކު ދަތުރުކުރާ ބޯޓުފަހަރު ކަނޑުވުން އެ ސަރަޙައްދުގައި ވަނީ ޢާންމުވެފައެވެ. އޭޕްރިލް މަހު ހިނގި މި ފަދަ ހާދިސާއެއްގައި ހަ މީހުން މަރުވިއެވެ. ޤަވާޢިދަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދަތުރު ކުރި އެ ބޯޓު ކަނޑުވީ ލުބުނާނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއް އެ ބޯޓުގައި ޖެއްސުމުން ކަމަށް ތުހުމަތު ކުރެވެއެވެ.

ސެޕްޓެންބަރު 13 ވަނަ ދުވަހު ހިނގި މި ފަދަ ހާދިސާއެއްގައި ވެސް ހަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި ތުއްތު ދެ ކުދިން ވެސް ހިމެނެއެވެ. އެ ބޯޓު ފެތިފައި ވަނީ ތުރުކީ ވިލާތުގެ ޕުރޮވިންސެއް ކަމުގައިވާ މުޣުލާގެ އައްސޭރިފަށަށެވެ. އެ ބޯޓުން ދަތުރުކުރި 73 މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. އެ ބޯޓުގައި ދަތުރު ކޮށްފައި ވަނީ ލުބާނުން ފުރައިގެން އިޓަލީ ވިލާތަށް ދިޔުމަށް މަސައްކަތް ކުރި ބަޔެކެވެ.