ޚަބަރު

ތިމާވެށީގެ ވަޢުދު ފުއްދަން ގޮވާލައިފި


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތަކަށް ފައިސާ ހޯދުމަށް، 2009ވަނަ އަހަރު ކޯޕަންހޭގަންގައި، ދުނިޔޭގެ ޤައުމުތަކުން ވީ ވަޢުދު ފުއްދުމަށް ރާއްޖެއިން ގޮވާލައިފިއެވެ. މިގޮތަށް ގޮވާލެއްވީ އިއްޔެ ފެށި އދ.ގެ އާންމު މަޖިލީހުގެ 77ވަނަ ޖަލްސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ.

ޢަބްދުﷲ ޝާހިދު ވިދާޅުވީ، 2009ވަނަ އަހަރު ކޯޕަންހޭގަންގައި ޤައުމުތަކުން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތަށް 2020ވަނަ އަހަރު އަންނަންވާއިރަށް 100 ބިލިއަން ޚަރަދުކުރުމަށް އެއްބަސްވެފައިކަމަށެވެ. އެހެންނަމަވެސް މިޢަދަދާ ގާތްކުރާ މިންވަރަށްވެސް ފައިސާ ހަމަޖައްސާފައިވެއް ނުވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

2022ވަނަ އަހަރާހަމައަށް އައި އިރުވެސް އެވަޢުދުގެ ބޮޑުބައެއް އޮތީ ނުފުދިކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން މިކަމަށްތަކައި ޤައުމުތަކުން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކޮށް އިތުރު ކުރަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2021ވަނަ އަހަރު ގްލާސްގޯ ކްލައިމެޓް ޕެކްޓްގެ ދަށުން އެއްބަސްވެފައިވާ ގޮތަށް އެޑަޕްޓޭޝަން ފައިނޭންސް ދެގުނައަށް އިތުރުކުރުމަށްވެސް ޝާހިދުވަނީ އިލްތިމާސްކުރައްވާފައިވެއެވެ.

"އަޅުގަނޑުމެންނަށް އެނގޭ، ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ ކަންކަމަށް ފައިސާ އެބަ އެއްކުރެވޭކަން. އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންގެ އަތުގައި އެ މާލީ ތަނަވަސްކަން އެބަހުރިކަންވެސް. އެކަމަކު އަޅުގަނޑުމެން އެބަޖެހޭ، އެފައިސާ ބޭނުންވާ ދިމާލަށް މިސްރާބު ކުރުވަން." ޝާހިދު ވިދާޅުވިއެވެ.

2023އިން 2025އަށް ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާން ނިންމާފައިވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އިންތިހާބު ވެއްޖެނަމަ، ރާއްޖެއިން އެންމެބޮޑު އިސްކަމެއް ދޭނީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދުނިޔޭގެ އިންސާނީ ހައްގުތަކުގެ މުހިންމު ބައެއްގެގޮތުގައި ފާހަގަކޮށް، އެކަމަށް ވަކާލަތުކުރުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަށް ކަނޑުގެ ލޮނުގަނޑު އުފުލުމުގައި، 1.5 ޑިގްރީއާއި 2 ޑިގްރީއާ ހުރި ތަފާތަކީ މަރުކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އެހެންވެ ރާއްޖެ އަކީ އަބަދުވެސް މިކަމުގެ ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާ ގައުމެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެހެން ކުދި ޖަޒީރާ ގައުމުތަކެކޭ އެއްފަދައިން، ރާއްޖެއިންވެސް ޖައްވަށް ދޫކުރާ ގޭހުގެ މިންވަރު ވަރަށްވެސް މަދު ކަމަށެވެ. އެކަމަކު ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް މި ލިބެނީވެސް ރާއްޖެފަދަ ޤައުމުތަކަށްކަމަށެވެ.

މީގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެންމެ އުންމީދީ ޢަމަލީ ލަނޑުދަނޑިތައް ގެންގުޅޭ އެއް ޤައުމަކީވެސް ދިވެހިރާއްޖެކަން ޝާހިދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ 2030ވަނަ އަހަރު އަންނަންވާއިރަށް، ނެޓް ޒީރޯއަށް ވާސިލްވުމަށް ރާއްޖެއިން މަސައްކަތް ކުރަމުން މިދަނީ ވަރަށް އުންމީދީ ޤައުމީ ޕްލޭނެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް މިއީ ބައިނަލްއަޤްވާމީ އެއްބާރުލުމާއެކު ނޫނީ ހާސިލުކުރެވޭނެ ލަނޑުދަނޑިއެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.