ތިލަމާލެ ބުރިޖު އެޅުމަށް ބޭނުންކުރި ޕްލެޓްފޯމު ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުން ބެލުމަށް ސާވޭ ހަދާ ނިމިއްޖެއެވެ.
ވިއްސާރަވުމުގެ ސަބަބުން މިދިޔަ މަހުގެ 16ވަނަ ދުވަހު ފަރަށް އެރި ބްރިޖްޕްލެޓްފޯމް މޫސުން ގޯސްވުމުގެ ސަބަބުން ފުންކުރެވުނީ މިދިޔަ މަހުގެ 27 ގައެވެ. އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫގެ ޕްލެޓްފޯމް ފަރުމަތިން ނެގުން ލަސްވީވެސް މޫސުމުގެ ސަބަބުން ކަމަށް އޭރު ކުންފުނިން ބުނެފައިވެއެވެ.
ޕްލެޓްފޯމް ނެގުމާއެކު އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ސަރަހައްދުގެ ސާވޭވަނީ ކޮށްފައެވެ. މިކަމާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ސާވޭގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އެ ސާވޭގެ ހޯދުންތަކާ ގުޅޭ އިތުރު ތަފްސީލެއް ނައީމް ހިއްސާނުކުރައްވައެވެ.
އޭނާ ވިދާޅުވީ ސާވޭގެ މަސައްކަތް އެއްކޮށް ނިންމައި ލިބުނު ގެއްލުންތައް ވެސް މިނެކިރުމަށް ފަހު މިހާރު އެ މައުލޫމާތުތައް އެފްކޮންސް ކުންފުންޏާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ޖަވާބުދާރީވުމުގެ ފުރުސަތުވެސް ދީފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ. ނައީމް ވިދާޅުވީ އެފްކޮންސް އިން ޖަވާބުދާރީވުމުން ދެން ކުރިއަށްދާނީ ޖޫރިމަނާގެ މަރުހަލާ ކަމަށެވެ.
ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނުނެގި އެތަނުގައި 10 ދުވަހަށް ވުރެ ގިނަ ދުވަސްވީ އިރު، އެ ޕްލެޓްފޯމްގެ ސަބަބުން ފަރަށްވީ ގެއްލުންތައް ކޮންމެވެސް ވަރަކަށް ވީޑިއޯތަކުން ވެސް ފެންނަން ހުއްޓެވެ. އެޕްލެޓްފޯމުގެ އެއްފައި ފަރުތެރެއަށް ވަދެ ތާށިވެފައިވާކަމަށް މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރަކަށް ކަނޑައަޅާފައިވާ މުހައްމަދު ޖިނާން ސައީދު އޭރު މީޑިއާތަކަށް ވިދާޅުވެފައިވެއެވެ. އަދި އޭނާ ވިދާޅުވިގޮތުގައި ޕްލެޓްފޯމް ނެގުމުގެ މަސައްކަތުގެ ތެރެއިން ވެސް ފަރަށް އިތުރު ގެއްލުންވާނެ ކަމަށް ލަފާ ކުރެވުނެވެ.
ކޮންމެ ރާޅަކާއި އެކީ އެ ބިޔަ ޕްލެޓްފޯމް ވިލިމާލެ ފުއްޓަރު ފަރާތު ފަރުގައި ޖެހޭ އަޑާއި އެއިން އަރާ ލޮޅުމުގެ އަސަރު ރަށުތެރެއިން ވެސް އިހުސާސްކުރެވޭ ކަމަށް ބުނެ ވިލިމާލެ ރައްޔިތުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.