ޚަބަރު

ދަނގެތީގެ މަސްޖިދު އަބީބަކްރިއް ޞިއްދީޤި ރަސްމީކޮށް ހުޅުވައިފި


އދ.ދަނގެތީގައި ތަރައްޤީކޮށްފައިވާ މަސްޖިދު އަބީބަކްރިއް ޞިއްދީޤި ރަސްމީކޮށް ހުޅުވައިފިއެވެ.

ދަނގެތީގައި ބޭއްވި ރަސްމިއްޔާތެއްގައި މިމިސްކިތް ހުޅުވާދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

ދެހާހާއި ގާތްކުރާ އާބާދީއެއް އޮންނަ އދ.ދަނގެތީގައި ސަރުކާރުންވަނީ ޒަމާނީ ފަރުމާއަކަށް މިސްކިތެއް ތަރައްޤީކޮށްފައެވެ. މިސްކިތް ރަސްމީކޮށް ހުޅުވާދެއްވާ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީވަނީ އެމިކިސްތުގައި ހުކުރު ދުވަހުގެ ހުކުރު ނަމާދު އިމާމުވެކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދަނގެތީގައި ތަރައްޤީކޮށްފައިވަނީ 300 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ. މިމަސައްކަތަކީ ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މިސްކިތެކެވެ. މިމަސައްކަތްކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ.


މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ އާބާދީއަށް ބޭނުންވާ ޖާގައިގެ މިސްކިތް ރަށުގައި ނެތްކަމަށް ކައުންސިލްތަކުން މިނިސްޓްރީއަށް އެންގުމާއެކު ސަރުކާރުކާރުގެ ސިޔާސަތުގެ ދަށުން ވީއެންމެ އަވަހަށް އެރަށެއްގައި މިސްކިތް ޤާއިމުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާކަމަށެވެ. ދަގެނތީގައި ތަރައްޤީކޮށްފައިވާ މިމިސްކިތަކީ ހުރިހާ އުމުރެއްގެ މީހުންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޭނުންކުރެވޭނެފަދަ ގޮތަކަށް ތަރައްޤީކޮށްފައިވާ މިސްކިތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަށްރަށުގައި އައު މިސްކިތް ޢިމާރާތްކުރުމާއި މިސްކިތްތަކުގެ އާބާތުރަފިލުވުމަކީ އިސްލާމިކް މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.