ވިޔަފާރި

ރާއްޖެއިން ކިރިގިސްތާނަށް ވިސާއާއި ނުލާ މިހާރު ދަތުރުކުރެވޭނެ


ރާއްޖެއާއި ކިރިގިސްތާނާއި ދެމެދު ވިސާ ފްރީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ކިރިގިސްތާންގެ ފޮރިން މިނިސްޓަރ ޒީންބެކް ކުލުބޭވްއެވެ.

މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި ދަތުރުކުރާ ފަރާތްތަކަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މި އެއްބަސްވުމާއިއެކު 2 ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ. އަދި މިއީ 2 ޤައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށެވެ.

ދިވެހިންނަށް ވީހާވެސް ގިނަ ޤައުމުތަކަށް ދަތުރުކުރުމުގައި ލުއިތައް ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިންމު ޚާރިޖީ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން ދިވެހިންނަށް ވީހާވެސް ގިނަ ޤައުމުތަކަށް އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން މިސަރުކާރުން މިހާރުވެސް ވަނީ 8 ޤައުމަކަށް ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަދީފައެވެ. އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ކަޒިކިސްތާން، މޮރޮކޯ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ތައިލޭންޑް، ރަޝިއާ، ޗައިނާ ، އިންޑޮނޭޝިއާ އަދި ކިރިގިސްތާންއެވެ.

ރާއްޖޭގެ ޕާސްފޯޓަކީވެސް މުޅި މި ސަރަހައްދުގައިވެސް އޮތް އެންމެ ބާރުގަދަ އެއް ޕާސްޕޯޓެވެ. ސަބަބަކީ ގިނަ ޤައުމުތަކަކަށް ދިވެހި ޕާސްޕޯޓުން ވިސާއާއި ނުލާ ދަތުރުކުރެވޭތީއެވެ. މިހާރުވެސް 88 އަށްވުރެ ގިނަ ޤައުމަށް ދިވެހިންނަށް ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން ވިސާއާ އާ ނުލާ ދަތުރުކުރެވޭ ޤައުމުތަކުގައި އާއްމުގޮތެއްގައި ތިބެވެނީ 30 ދުވަހެވެ. އެހެންނަމަވެސް ޤައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުމުގެ ދަށުން މި މުއްދަތު އިތުރުވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މިހާރުވެސް އިތުރު ޤައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ފުޅާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ ހަރުދަނާ މިސިޔާސަތު މުޅިދުނިޔެވެސް ބަލައިގަތުމެވެ. ކުރިން ރާއްޖެ ނޭނގޭ ކިތަންމެ ޤައުމަކަށް މިރާއްޖެ އެނގިގެން ދިއުމެވެ. މިކުޑަކުޑަ ރާއްޖޭއިން އދގެ އާއްމު މަޖިލީޙުގެ ރައީސްކަމުގެ މަގާމު ފުރުމަކީވެސް މިކަމުގެ ސާފް ހެއްކެކެވެ. އދގެ އާއްމު މަޖިލީޙުގެ އެއް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހަރުދަނާ ޚާރިޖީ ސިޔާސަތަކީ ނަމޫނާއެއްކަމަށާއި ރައީސްގެ ޚާރިޖީ ސިޔާސަތަކީ ނަމޫނާއެއްކަމުގައި މިއަދު މުޅި ދުނިޔެ ޤަބޫލުކޮށްފިކަމުގެ އިހުސާސް އެމަނިކުފާނަށް ކުރެއްވިފައިވާ ކަމަށެވެ.