ކުޅިވަރު

ސަޖަންގެ މެޑެލް ރާއްޖޭގެ ކުޅިވަރުގެ ތާރީހުގެ ތެރެއަށް


 ރާއްޖޭގެ ސްވިމިންގ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ސަޖަން ހޯދި
ލޯ މެެޑެލްއެވެ. އުމުރުން 12 އަހަރުގައި ފެތުމުގެ ތެރެއަށް ނިކުތް އައިމިނަތު ސަޖަން 12ވަނަ
ސައުތު އޭޝިއަން ގޭމްސްގައި ހޯދި ކާމިޔާބީއަކީ ހަމައެކަނި ސަޖަންއަށް ހާއްސަވި
މެޑެލްއެއް ނޫނެވެ. ސަޖަންގެ މެޑެލްއާއެކު ސްވިމިންގ އާއިލާއަށް ލިބުނީ ބޮޑު ހިނިތުންވުމެކެވެ.

 މިފަހަރުގެ ގޭމްސްގައި ރާއްޖެއަށް ފުރަތަމަ މެޑެލް ހޯދަދިނީވެސް ސަޖަންއެވެ. އަދި
މިއީ އިންޑިވިޖުއަލް އިވެންޓަކުން ސްވިމިންގ ތާރީހުގައިވެސް ހޯދި ފުރަތަމަ
މެޑެލްއެވެ. މީގެ ކުރިން ވާދަވެރި މާހައުލެއްގައި ރާއްޖޭގެ ފެތުންތެރިއަކު
މެޑެލްއެް ހޯދާފައެއް ނުވެއެވެ. ސަޖަންގެ މެޑެލް ވެގެންދިޔައީ ރާއްޖެގެ ސްވިމިންގ
ތާރީހުގައިވެސް ހޯދި އެންމެ ބޮޑު ކާމިޔާބީއަށެވެ.



ވާދަވެރި މާހައުލެއްގައި ފަސް ފެތުންތެރިންނާއެކު 800މީޓަރ ފްރީސްޓައިލް
އިވެންޓުން ސަޖަން ލޯ މެޑެލް ހޯދިއިރު ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުހައްމަދު
އަބްދުއްސައްތާރު ހުންނެވީ ފެންކަޅިވެފައެވެ. ސައްތާރު ފާހަގަކުރައްވާގޮތުން މިއީ
އޭނާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަހެވެ.



" މިފެށުނީ އައުޗެޕްޓަރެއް. އަޅުގަނޑުގެ ހަޔާތުގައިވެސް އައި އެންމެ
އުފާވެރި ދުވަސް މިއަދަކީ. އިރާދަކުރެއްވިޔާ ތަމްރީން ފުރުސަތުތައް ލިބޭ ވަރަކުން ކުރިއަށްއޮތްތާ
އަޅުގަނޑުމެންގެ ކުދިން މިފަދަ އިވެންޓް ތަކުން މެޑެލް ނަގާނެ"
އަބްދުއްސައްތާރު ވިދާޅުވިއެވެ.



އިވެންޓަށް ދިއުމުގެ ކުރިންވެސް މެޑެލްއެއް ހޯދޭނެކަމުގެ ޔަޤީންކަން ސަޖަންގެ
ކިބައިގައި އޮތެވެ. އުމުރުން 22 އަހަރުގެ ސަޖަން މިދުވަސް ފާހަގަކުރީ ފެށުމެއްގެ ގޮތުގައެވެ.



" ވަރަށް އުފާވެއްޖެ. އުފަލުންގޮސް ރޮވިއްޖެ. ވަރަށް އުއްމީދު ކުރިން
އިވެންޓަަށް އައިރުވެސް މިމެޑަލް ހޯދަން. މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން
ހޯދުނު މެޑެލްއެއް. ހާއްސަކޮށް އޮލިމްޕިކް ކޮމިޓީއާ ސްވިމންގ އެސޯސިއޭޝަން އަދި
އާއިލާއިން ދިން އެއްބާރުލުން ފާހަގަކުރަން" ސަޖަން ބުންޏެވެ.



800މީޓަރ ފްރީސްޓައިލް ސަޖަން ނިންމީ
10.41.41ސިކުންތުންނެވެ. ސަޖަން މިފަހަރުގެ ގޭމްސްގައި ޤައުމީ ރެކޯޑްތައް ހެދިއިރު
އޭނާވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ސަޖަންއާއެކު ސަޖަންގެ އެއްބަނޑު އެއްބަފާ
ކޮއްކޮ ސާޖިނާއަކީވެސް މިހާރު ފާހަގަކޮށްލެވޭ ފެތުންތެރިއެކެވެ. ސާޖިނާއާއި
ސަޖަންއަކީ މިހާރު އެންމެ ކުރި އަރަމުން އަންނަ ދެފެތުންތެރިންނެވެ.



ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެގެ ހަސަން
ސާއިދު ރަން މެޑެލް ހޯދީ ޤައުމުގައި ދުވާނެ ރަނގަޅު ޓްރެކެއް ނެތިއެވެ. ސަޖަން
މެޑެލް ހޯދިއިރު ރާއްޖޭގެ ފެތުންތެރިންނަށް ސްވިމިންގ ޕޫލެއް ނެތެވެ. ސަޖަން
ޤަބޫލް ކުރާ ގޮތުގައި ޕޫލެއް އޮންނަ ކަމަށްވާނަމަ މިއަށްވުރެެ ގިނަ މެޑެލް
ދިވެހިން ހޯދާނެއެވެ.



" އަޅުގަނޑުމެންނަށް އެންމެ ބޭނުންވަނީ ސްވިމުންގ ޕޫލެއް. އަޅުގަނޑުވެސް
މާލޭގައި ޓްރެއިންގ ހަދައިގެން އައިނަމަ މިނަތީޖާއެއް ނުނެރެވުނީސް. އެހެންވީމަ
ދެން ތިބި ކުފިންނަށްވެސް ޕޫލެއްގެ ފުރުސަތު ލިބިގެން މާލޭގައި ޓްރެއިނިންގ
ހަދައިފިނަމަ މިއަށްވުރެ ގިނަ މެޑެލް ހޯދާނެ" ސަޖަން ބުންޏެވެ.



ތައިލެންޑްގައި ތަމްރީން ހަދަމުންދާ ސަޖަން މިހާރުވެސް އަންނަނީ
ބްެރެޒިލްގައި ބާއްވާ އޮލިމްޕިކަށް ތަމްރީން ފުރިހަމަ ކުރަމުންނެވެ. ގޭމްސްއަށް
ފަހުވެސް ސަޖަން އެނބުރިދާނީ ތައިލެންޑަށެވެ.