ޚަބަރު

ރަޝިޔާ ސިފައިން ވަނީ ޔޫކްރެއިނުގައި ޖަރީމާ ހިންގާފައި: އ.ދ.


ރަޝިޔާ ސިފައިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމުގައި އ.ދ.އިން ތުހުމަތު ކޮށްފިއެވެ. މި ހަނގުރާމައިގައި ހިންގާފައިވާ ކުށްތައް އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން އެކުލަވައިލި އިންކުއަރީ ކޮމިޝަނަކުން ވަނީ ތަހުޤީޤު ކޮށްފައެވެ.

އެ ކޮމިޝަނުން ވަނީ ތަހުޤީޤަށް ހާމަވެފައިވާ ކަންކަން އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއަށް ހުށަހަޅާފައެވެ. ކޮމިޝަނުން ފާހަގަކޮށްފައިވާ ބައެއް ކުށްތަކުގެ ތެރޭގައި ޢާންމުން ދިރިއުޅޭ ހިސާބުތަކަށް ބޮން އެޅުމާއި، ގަތުލު ކުރުމާއި، އަސީރުންނަށް އަނިޔާކުރުމުގެ އިތުރުން ޖިންސީ އަނިޔާ ހިމެނެއެވެ. ނަމަވެސް، އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގާފައިވާ ކަމުގައި ކަށަވަރުކޮށް ބުނަން އަދި އަވަސް ކަމުގައި އެ ކޮމިޝަނުން ބުނެއެވެ.

"މިހާތަނަށް ހޯދިފައިވާ ހެކިތަކަށް ބަލާއިރު، ރަޝިޔާ ސިފައިން ޔޫކްރެއިނުގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަން ހާމަވޭ،" އެ ކޮމިޝަނުގެ އިސްވެރިޔާ އެރިކް މޯސާ ވިދާޅުވިއެވެ. ގިނަ އަދަދެއްގެ ބަޔަކު ގަތުލުކޮށްފައިވާ ކަމަށާއި، ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށާއި، ކުޑަކުދިންނަށް އަނިޔާކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަނިޔާ ލިބިފައިވާ މީހުންގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުދިންނާއި 80 އަހަރުން މަތީގެ އުމުރުން ދުވަސްވީ އަންހެނުން ވެސް ހިމެނޭ ކަމުގައި އެ ކޮމިޝަނުން ބުނެއެވެ.

މި ތަހުޤީޤުގައި ފާހަގަކޮށްފައި ވަނީ ފެބުރުވަރީ މަހުން ފެށިގެން މާރިޗު މަހާ ދެމެދު ހިންގާފައިވާ ކުށްތަކެވެ. ކޮމިޝަނުގެ ރިޕޯޓު ބިނާކޮށްފައި ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން ޗެރްނިހިވްއާއި، ޚާރްކިވްއާއި ސޫމީ ސަރަޙައްދުގެ 27 ރަށަކަށް ދަތުރުކޮށް، އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށެވެ. ތަހުޤީޤީ ޓީމުން ވަނީ 150އަށްވުރެ ގިނަ މީހުންނާއި ސުވާލުކޮށް، ޖަރީމާތައް ހިންގާފައިވާ ކަމަށް ބެލެވޭ ސަރަޙައްދުތަކާއި، ބޮޑެތި ކަށްވަޅުތައް ހުރި ސަރަޙައްދުތައް ވެސް ބަލާފައެވެ.

"ޔޫކްރެއިނުން ފެނުނީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މަންޒަރު،" މޯސާ ވިދާޅުވިއެވެ. އަދި، ޔޫކްރެއިނު ސިފައިން ވެސް އެ މީހުން ހައްޔަރުކޮށްފައިވާ ރަޝިޔާ ސިފައިންނާ ދެކޮޅަށް ގަރީމާތައް ހިންގުމުގެ ދެ ހާދިސާއެއްގެ މަޢުލޫމާތު ލިބުނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ރަޝިޔާގެ އަސީރުންނަށް ޔޫކްރެއިން ސިފައިން ވެސް އަނިޔާ ކުރި. އޭގެ ދެ މައްސަލައެއްގެ މަޢުލޫމާތު ލިބުނު. ނަމަވެސް، ރަޝިޔާ ސިފައިން ހިންގާފައި ވަނީ ބޮޑެތި ޖަރީމާތަކެއް،" ކޮމިޝަނުގެ މެންބަރެއް ކަމުގައިވާ ޕަބްލޯ ޑެގްރީފް ވިދާޅުވިއެވެ.

ރަޝިޔާ ސިފައިންގެ އަތްދަށުން ދާދިފަހުން މިނިވަން ކޮށްފައިވާ ރަށެއް ކަމުގައިވާ އިޒްޔުމްއިން ވަނީ ގިނަ އަދަދެއްގެ ބަޔަކު ގަތުލު ކުރުމަށް ފަހު ވަޅުލާފައިވާ ކަށްވަޅުތަކެއް ފެނިފައެވެ. ނަމަވެސް، ކޮމިޝަނުން އެ ކަން އަދި ތަހުޤީޤު ކޮށްފައެއް ނުވެއެވެ. "އިޒްޔުމްގައި ހިނގާފައިވާ ކަންކަން އަދި ތަހުޤީޤު ކުރާނަން،" މޯސާ ވިދާޅުވިއެވެ.

ޔޫކްރެއިނުގައި ހިންގާފައިވާ ޖަރީމާތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ސިފައިންނާއި ކުލީ ސިފައިންގެ ގޮތުގައި ހަރަކާތްތެރިވާ މީހުން ކަމުގައި އެ ކޮމިޝަނުން ބުންޏެވެ. އަދި، އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއަށް ރިޕޯޓު ހުށަހެޅުމުގެ ކުރިން، ޖަރީމާތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ މަޢުލޫމާތު ހިމެނުމަށް މަސައްކަތް ކުރާނެ ކަމުގައި ވެސް ކޮމިޝަނުން ބުނެއެވެ.