ޚަބަރު

ރާއްޖެ ޒިޔާރަތްކުރި ސީމެގްގެ ވަފްދު ފުރާވަޑައިގެންފި


ރާއްޖެއަށް ޒިޔާރާތްކުރި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް ސީމެގްގެ ވަފްދު މަސައްކަތް ނިންމާލުމަށްފަހު މިއަދު ފުރައިފިއެވެ.ސަރުކާރުގެ ދަޢުވަތަކަށް ރާއްޖެ އައި ސީމެގް ވަފްދުގެ ތިން ބޭފުޅުން ވަނީ ސަރުކާރާއި އަދި ރާއްޖޭގެ އެކި ފަރާތްތަކާއެކު މަޝްވަރާތައް ބާއްވަވާފައެވެ. ސީމެގްގެ ވަފުދުގެ ބޭފުޅުން ރާއްޖޭގައި ބޭއްވެވި މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައިވެއެވެ.މަޝްވަރާ ކުރެވުނު ކަންތަކުގެ ތެރޭގައި ކޮމަންވެލްތްގެ އަދުގެ ހާލަތާއި، ރާއްޖޭގެ ސިޔާސީ މަޝްރަޙް، އަދި ބައިނަލް އަޤްވާމީ ގުޅުންތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީ އިން ވިދާޅުވެފައިވެއެވެ. އަދި، ރާއްޖޭގެ ސިޔާސީ މައްސަލަތަކުގެ އެންމެ ފަހުގެ މައުލޫމާތު ސީމެގާއެކު ހިއްސާކުރައްވާފައިވާ ކަމަށްވެސް ދިވެހި ޚާރިޖިއްޔާ އިން ވިދާޅުވެއެވެ. ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވަނީ ވަފުދަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި ދިވެހި ސަރުކާރުން ބޭނުންފުޅުވަނީ، ވަފުދުގެ ބޭފުޅުންގެ މަސައްކަތްތައް އިންސާފުވެރިކަމާއެކު ކުރިޔަށް ގެންދެވުމަށްކަމަށް ވިދާޅުވެފައެވެ.ސީމެގް ވަފްދުގެ މަޝްވަރާތަކާބެހޭ ރިޕޯޓެއް ވަފްދުގެ ފަރާތުން ނެރުއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.