ޚަބަރު

އެމްއެންޕީގެ ފުރަތަމަ ޤައުމީ ޖަލްސާ ފަށައިފި


މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ޤައުމީ ޖަލްސާ ފަށައިފިއެވެ.

ތާޖުއްދީން ސްކޫލުގައި ޤައުމީ ޖަލްސާ ފެށުމުގެ ގޮތުން މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެޕާޓީގެ މަންދޫބުންނާއި، ޕާޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިޖަލްސާގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ އެޕާޓީގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. މި ޤައުމީ ޖަލްސާއިން އެޕާޓީގެ މުހިންމު ކަންތައްތަކެއް ނިމިގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ޤައުމީ ޖަލްސާގެ އެކި ސެޝަންތައް ކުރިއަށްދާނީ މާދަމާއެވެ. މާދަމާގެ ސެޝަންތަކުގައި ޕާޓީގެ އެކި މަޤާމުތަކަށާއި، ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމާއި، ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އަސާސީ ގަވާއިދު ފާސްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ތިން ސެޝަނަކަށް ބަހާލައިގެން ބާއްވާ އެމްއެންޕީގެ ޤައުމީ ޖަލްސާ ނިމޭނީ މާދަމާރޭ ބާއްވާ ޖަލްސާއަކުންނެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެޕާޓީގެ 270 ކޮންގްރެސް މަނުން ބައިވެރިވެއެވެ. ޤައުމީ ޖަލްސާ ނިންމުމަށް ބާއްވާ ޖަލްސާގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ލީޑަރުންނަށް ދައުވަތު ދީފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.