ޚަބަރު

ނެކްޓަން މިޝަން: ދުނިޔޭގެ އެންމެ ދުޅަހެޔޮ ފެމުނު މިޔަރުގެ އާބާދީގެ ހަގީގަތް ހޯދަނީ


ފުވައްމުލަކަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް "ޓައިގަރ ޝާކް" ނުވަތަ ފެމުނު މިޔަރު އެންމެ ގިނަ ޢަދަދަކަށް ފެންނަ އެއް މަންޒިލެވެ.

މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތަށް ބަލާއިރު އެންމެ ދުޅަހެޔޮ ފެމުނު މިޔަރުގެ އާބާދީ ފެނިފައިވަނީވެސް ފުވައްމުލަކުންނެވެ.

ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން މިހާރު ހަދަމުން އަންނަ ދިރާސާގެ ތެރެއިން ނެކްޓަން މޯލްޑިވްސް މިޝަންގައި އަންނަނީ ފުވައްމުލަކުގެ ކަނޑުގެ ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރަމުންނެވެ. މީގެތެރެއިން ފުވައްމުލަކުގައި ހިމެނޭ "ޓައިގަރ ޝާކް" ނުވަތަ ފެމުނު މިޔަރުގެ އާބާދީއާއި ގުޅޭ މަޢުލޫމާތު އެއްކުރުމަށް މިމިޝަންގެ ސައިންސްވެރިން ޚާއްސަ އިސްކަމެއް ދެއެވެ. ފުވައްމުލަކުގެ ފަޅުތެރެއިން ގިނަ ޢަދަދަކަށް މިޔަރު ފެންނަމުންދާއިރު މިހާތަނަށް 200 ފެމުނު މިޔަރު ފާހަގަވެފައިވާ ކަމަށް ނެކްޓަންގެ މިޝަންގައި ޙަރަކާތްތެރިވާ އަޙްމަދު އިނާންވަނީ މަޢުލޫމާތު ދީފައެވެ. މިއީ ދުނިޔެއަށް ބަލާއިރުވެސް ފެމުނު މިޔަރުގެ އެންމެ ދުޅަހެޔޮ އާބާދީކަން އިނާންވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ބޮޑު ދިރާސާތަކެއް ހެދިފައި ނުވާއިރު ކަނޑުގެ 30 މީޓަރު އަޑީގައި ހިމެނޭ މިޔަރުތަކުގެ ހަގީގަތް އަދިވެސް ހޯދިފައެއް ނުވެއެވެ. އެހެންކަމުން ނެކްޓަން މިޝަންގެ އެންމެ ބޮޑު އަމާޒަކީ ފުވައްމުލަކުގެ ކަނޑު އަޑީގެ ޙަގީގަތް ދެނެގަތުމެވެ.

މިމިޝަންގައި ޙަރަކާތްތެރިވަމުން އަންނަ ދިވެއްސެއްކަމުގައިވާ ހަމްނާ ހުސެއިންވަނީ މިޔަރުތަކާއެކު ކުރެވުނު ތަޖުރިބާ ހިއްސާކޮށްފައެވެ. ހަމްނާ ބުނީ ކަނޑުގައި އުޅޭ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ޢާއްމު މީހުންގެ ބަހުންނަމަ އެންމެ ނުރައްކާ އެއްބާވަތަކީ މިޔަރުތައް ނަމަވެސް ޑައިވްކޮށް އެތަކެތީގެ ވެށީގައި އިންސާނުން އުޅޭއިރު ގުދުރަތުގެ މިފުރިހަމަ ނިޒާމުގައި ހަމަހަމަކަން އޮތް މިންވަރު ހާމަވާކަމަށެވެ. އަދި އެންމެ ބޮޑު އެއް ކަނޑުގެ ދިރުމުގެ ވެށިން ފެންނައިރުވެސް ތިމާއަކީ ވަކި މާބޮޑު ނުވަތަ އެއަށްވުރެ މާކުޑަ އެއްޗެއްކަމުގައި އެތަކެތި ނުދެކޭ ކަމުގެ އިޙްސާސަކީ އެކަން ތަޖުރިބާނުކުރާ މީހަކަށް ވަޒަން ނުކުރެވޭނެކަމެއްކަމަށް ހަމްނާ ބުނެއެވެ.


ނެކްޓަން މޯލްޑިވްސް މިޝަންގެތެރެއިން މިހާރު އަންނަނީ ފުވައްމުލަކާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަޙައްދުން ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރަމުންނެވެ. މިޙަރަކާތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ދެސަބްމަރސިބަލްކަމުގައިވާ "އޮމެގާ ސީމާސްޓަރ 2"އާއި "އައުރެލިއާ"ވަނީ ބުރާސްފަތި ދުވަހުގެ ޑައިވްގައި ބޭނުންކޮށްފައެވެ. މިސަބްމަރސިބަލް ހިމެނޭ މިޝަންގެ ބޯޓުކަމަށްވާ "އާރް.ވީއޮޑެސީ" މިހަފްތާގައި ފުވައްމުލަކާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވާތީ ނެކްޓަން މިޝަނުންވަނީ ބޯޓު ހިމެނޭ ސަރަޙައްދުގެ 500 މީޓަރު ދުރުން ކަނޑު އުޅަނދުތައް ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ނެކްޓަން މޯލްޑިވްސް މިޝަންގައި މިހާތަނަށްވަނީ ލ.އަތޮޅުގެ ކަނޑުގެ ސަރަޙައްދުން ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައެވެ. މިސަރަޙައްދުގައި އެކި ދުވަސްމަތިން ކަނޑުގެ އަޑީގެ 500 މީޓަރު އަޑިއަށް ދިރާސާގެ ބައިވެރިންވަނީ ސަބްމަރސިބަލްގައި ޑައިވްކޮށްފައެވެ. މިމަސައްކަތް އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިދިރާސާއަކީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. 16 ދިވެހިންނާއި 24 ބޭރުގެ ސައިންސްވެރިންނާއެކު ކުރިއަށްގެންދާ މިދިރާސާގައި ކަނޑު 1000 މީޓަރު އަޑީގެ ޙަގީގަތް ދެނެގަތުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.