ޚަބަރު

ނ.އަތޮޅު އެއަރޕޯޓް އަޅަން ޤާބިލް ބަޔަކާ ހަވާލުކުރަނީ


ނ. އަތޮޅުގައި އެއަރޕޯޓެއް އެޅުމަށް، އެކަމަށް ޤާބިލް ކުންފުންޏަކާ ޙަވާލުކުރެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމުހޫރިއްޔާ މިކަން ހާމަކުރެއްވީ ނ އަތޮޅު ކުޑަފަރީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި މިހާރު ނ. އަތޮޅުގެ އެއަރޕޯޓް ހެދުމުގެ މަސައްކަތް ކުރުމަށް ޙަވާލުކުރެވިފައިވާ ކުންފުނިން އެންމެ ރަނގަޅަށް އެމަސައްކަތް ކުރިއަށް ނުދާކަން ފާހަގަކުރައްވައި، ނ. އަތޮޅުގެ އެއަރޕޯޓްގެ މަސައްކަތް ވަރަށް ބޮޑަށް މިހާރުވެސް ލަސްވެފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ނ. އަތޮޅަކީ އެމަނިކުފާނަށް ވަރަށް ޚާއްޞަ އަތޮޅެއްކަމަށާއި، ކޮންމެ ރަށަކީވެސް މުހިންމު ރަށެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ބަޔާންކުރައްވައި، ބަޖެޓްގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ.  ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުތެރޭގައި އެ ރަށެއްގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ކޮށްދެއްވުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށާއި، ފަސް އަހަރު ނިމިގެންދާއިރު މިރާއްޖެއިން ތަރައްޤީގެ ބޮޑު ތަފާތެއް ފެނިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ކަންކަމާ އޮތީ ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައެވެ. ޚާއްޞަކޮށް އާބާތުރަ ފިލުމުގެ ކަންކަމަށް ފަރުވާކުޑަކުރެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.  އަދި އެމަނިކުފާނު ތަރައްޤީޤެ އެކި މަޝްރޫޢުތަކަށް އެކި ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށާއި، ވަރަށް އަވަހަށް ގދ. ތިނަދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ތިނަދުއަކީ މިވަގުތު ތަރައްޤީޤެ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ ރަށެއްއްކަމަށް ވިދާޅުވިއެވެ. އަދި ބަޖެޓުން ޚަރަދުކުރައްވައިގެން އެ ރަށުގައި ޕްރޮޖެކްޓްތަކެއް ހިންގަވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. ކުޑަފަރީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވީ، ނ އަތޮޅުގައި ތަރައްޤީޤގެ ވަރަށް ގިނަ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށާއި، އެގޮތުން އިތުރު ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް މިހާރު ތަކެތި ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ މަޢުރޫފް ޢަލީ ދެއްކެވި ވާހަކަފުޅުގައި ނ. އަތޮޅުގެ ކޮންމެ ރަށެއްގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގަމުންދާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނ. އަތޮޅަށް އެއަރޕޯޓެއް މުހިންމު ވެފައިވާކަން ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ދ. މީދޫ ދާއިރާގެ މެމްބަރ އަޙްމަދު ސިޔާމް މުޙައްމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ. ނ. ކުޑަފަރީ ބަނދަރގެ މަސައްކަތް އެމްޓީސީސީން ފައްޓަވާފައިވަނީ 2014 ވަނަ އަހރު ފެބްރުއަރީ މަހުއެވެ. މަސައްކަތް އެއްކޮށްނިންމަވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައިއެވެ. ކުޑަފަރީ ބަނދަރަކީ  200 ފޫޓު ދިގު 503 ފޫޓު ފުޅާ ބަނދަރެކެވެ. މިރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމަށް ވަނީ ހަނދާނީ ފިލައެއް އަރުއްވާފައެވެ.