ކުޅިވަރު

އިންޑިވިޖުއަލް ހުރިހާ އިވެންޓަކުން ޓީޓީ ކުޅުންތެރިން ކަޓައިފި


12ވަނަ ސައުތް އޭޝިއަން ގޭމްސްގެ އިންޑިވިޖުއަލް އިވެންޓްތަކުން ދިވެހި ޓީޓީ ކުޅުންތެރިން ކަޓައިފިއެވެ. އިންޑިޔާގެ ޝިލޮންގައި މިއަދު ކުރިއަށްދިޔަ ޓޭބަލްޓެނިސް އިންޑިވިޖުއަލް އިވެންތަކުގެ ތެރެއިން އަންހެން ސިންގަލްސް ގަދަ އަށަކުން ދިވެހި ދެ ކުޅުންތެރިންކަމުގައިވާ މުއީނާ މުހައްމަދާއި، ފާތިމަތު ޖުމާނާ ނިމާލް ޖާގަ ހޯދިއެވެ. ކުއާޓާރ ފައިނަލްގައި މުއީނާ ބަލިވީ އިންޑިޔާގެ އެއްވަނަ އަންހެން ކުޅުންތެރިޔާ މޫމާ ދާސްއާއި ވާދަކޮށެވެ. އަދި ޖުމާނާ ކުއާޓާރ ފައިނަލްގައި ބަލިވީ ސްރީލަންކާގެ ރޮވިނީ ކަނަންގުރާ އަތުންނެވެ.ފިރިހެން ސިންގަލްސް އިވެންޓްގައި ދިވެހި ޓީޓީ ޓީމްގެ މޫސާ މުންސިފް އަދި ޒީސްތް ނަސީމް މުބާރާތާއި އަލްވަދާއުކިޔަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ.މުސާ މުންސިފް އަދި ޒީސްތް ނަސީމް ފިރިހެން ޑަބަލްސް އިވެންޓްގައި ބަލިވީ ކުޅުނު ފުރަތަމަ މެޗުންނެވެ. އޭއީ ބަނގްލަދޭޝްގެ ޕެއަރ އާއި ވާދަކޮށް ތިން ސެޓު ދެ ސެޓުންނެވެ. އަންހެން ޑަބަލްސް އިވެންޓްގައި މުއީނާ މުޙައްމަދާއި، ފާތިމަތު ޖުމާނާ ނިމާލްގެ ޕެއަރ ކުއާޓާރ ފައިނަލުން ޖާގަ ހޯދިއެވެ. އެހެންނަމަވެސް ކުއާާޓާރ ފައިނަލްގައި އިންޑިޔާގެ މަނިކާ އަދި ޕޫޖާގެ ޕެއާރއާއި ވާދަކޮށް ދިވެހި ޕެއަރވަނީ ބަލިވެފައެވެ. ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓްގައި ދިވެހި ދެ ޕެއަރ ވާދަކުރިއެވެ. މޫސާ މުންސިފް އަދި ޖުމާނާގެ ޕެއަރ ފުރަތަމަ މެޗުގައި ނިކުތީ ނޭޕާލްގެ ޝިވާ އަދި އެލިއަންގެ ޕެއަރ އާއި ދެކޮޅަށެވެ. މި މެޗް ފަސޭހަކަމާއިއެކު ދިވެހި ޕެއަރ ކާމިޔާބުކުރިއެވެ. ކުއާޓާރ ފައިނަލްގައި މުންސިފް އަދި ޖުމާނާ ނިކުންނަން ޖެހުނީ އިންޑީޔާގެ މޫމާ އަދި ސަތިޔަންގެ ޕެއަރ އާއި ދެކޮޅަށެވެ. މި މެޗުން ދިވެހި ޕެއަރވަނީ ބަލިވެފައެވެ.މިކްސް ޑަބަލްސްގައި ވާދަކުރި ދިވެހި ދެވަނަ ޕެއަރއަކީ ޒީސްތް ނަސީމްއާއި މުއީނާ މުޙައްމަދެވެ. މި ދެކުޅުންތެރިން ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާންގެ ރަހީލާ އަދި ސާޖަދްގެ ޕެއަރ އާއި ވާދަކޮށް ތިން ސެޓު ދެ ސެޓުންވަނީ ބަލިވެފައެވެ.