ޚަބަރު

މެކްސިކޯއަށް ބާރުގަދަ ބިންހެލުމެއް، އެކަކު މަރުވެއްޖެ


މެކްސިކޯގެ ހުޅަނގުގައިވާ މިޗޮއަކަން ސްޓޭޓަށް ބާރުގަދަ ބިންހެލުމެއް އައިސް އެކަކު މަރުވެއްޖެއެވެ. ރިކްޓަރ މިންގަނޑުން 6.9ގެ ބާރުމިނުގައި އައި މި ބިންހެލުމާ ގުޅިގެން ޢިމާރާތްތަކަށް ވަރަށް ބޮޑަށް ލޮޅުން އެރިއެވެ. ބިންހެލުމާ ގުޅިގެން އެކަކު މަރުވީ، މެކްސިކޯ ސިޓީގެ ޢިމާރާތަކަށް ލޮޅުން އެރި ވަގުތު ސިޑިން ވެއްޓިގެން ކަމަށް އެ ރަށުގެ އޮފިޝަލުން ބުނެއެވެ.

މެކްސިކޯ ސިޓީ އޮންނަނީ ބިންހެލުން އައި މިޗޮއަކަންއާ 400 ކިލޯމީޓަރު ދުރުގައެވެ. ބިންހެލުމުގެ އަސަރު މިޗަކޮއަން ސްޓޭޓްގެ އިތުރުން ކޮލީމާއާއި، ހެލިސްކޯއާއި، ގެރޭރޯއަށް ވެސް ކުރިއެވެ. ބިންހެލުމާ ގުޅިގެން ގެއްލުން ލިބުނު ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެކްސިކޯގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސެޕްޓެންބަރު 19ގައި ވެސް މިޗޮއަކަންއަށް ބާރުގަދަ ބިންހެލުމެއް އައެވެ. ރިކްޓަރ މިންގަނޑުން 7.7ގެ ބާރުމިނުގައި އައި މި ބިންހެލުމާ ގުޅިގެން ހިނގި ހާދިސާތަކުގައި ދެ މީހަކު މަރުވިއެވެ. އަދި، އެތައް ހާސް ޢިމާރާތަކަށް ގެއްލުންވިއެވެ. އެކަކު މަރުވީ ފިހާރަބަރިއެއްގެ ފުރާޅުން ވެއްޓުނު އެއްޗެއްގެ ދަށުވެގެންނެވެ. ދެވަނަ މީހާ މަރުވީ ފާރެއް ވެއްޓުމުގެ ސަބަބުންނެވެ.

1985ވަނަ އަހަރާއި 2017ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19އަކީ މެކްސިކޯއަށް ހިތާމަވެރި ދުވަސްތަކެކެވެ. އެ ދެ އަހަރު ވެސް އެއް ދުވަހެއްގައި އެ ޤައުމަށް ބާރުގަދަ ބިންހެލުންތަކެއް އައެވެ. އަދި، މި އަހަރު ބިންހެލުން އައިސްފައި ވަނީ، ބިންހެލުމެއް އަތުވެއްޖެ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް ބޭއްވިތާ އެއް ގަޑިއިރު ފަހުންނެވެ.

1985ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19ވަނަ ދުވަހު މެކްސިކޯއަށް ރިކްޓަރ މިންގަނޑުން 8.8ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި 10,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، 2017 ވަނަ އަހަރު އައި ރިކްޓަރ މިންގަނޑުން 7.1ގެ ބިންހެލުމުގައި 370އަށްވުރެ ގިނަ މީހުން މަރުވިއެވެ.