ޚަބަރު

ރަސްފަންނަކީ ހުރިހާ އުމުރަކާވެސް ގުޅޭނެ ތަނެއް


މާލޭގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރައްވައި ރޭ ރަސްމީގޮތުން ހުޅުއްވި ހެދިގޮނޑުދޮށް، "ރަސްފަންނު" ޢާންމުންނަށް މި މަހުގެ ދިހަވަނަ ދުވަހުގެ ހުޅުއްވާލައްވާނެއެވެ. ޢާންމުންނަށް މިތަން ހުޅުއްވާލައްވާނީ އެ ދުވަހުގެ ހަވީރު 5:30 ފެށިގެންނެވެ. މާލޭގެ ހުޅަނގުފަރާތުގެ މަލަމަތި ބަދަލުކޮށްލައި، ރާއްޖޭގެ ރީތި ޖަޒީރާ ރަށެއްގެ ސިފަ މަލަމަތިން ދައްކައިދޭ ހެދިގޮނޑުދޮށް ރަސްފަންނަކީ، މާލޭގައި އިޖުތިމާއި ބިނާވެށްޓެއް ގާއިމްކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ބައެކެވެ. އެތަން ތަރައްޤީކުރައްވާފައިވާނީ، އިޖުތިމާޢީގޮތުން ޙަރަކާތްތެރިވެ އުޅެވޭނެ ތަފާތު ކަންކަން ހިމަނުއްވައިގެންނެވެ. ދިވެހި ސަގާފަތާއި، ތަރައްޤީގެ ކުލަ އެތަނުން ފެނިގެންދެއެވެ. ރަސްފަންނުގައި މޫދަށް އެރުމަށް ޚާއްޞަކޮށްފައިވާ ތަނުގައި، މޫދުގެ ތިލަ ތަންތަނުގެ އިތުރުން، ފުން ހިސާބުގައި ފަތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ފަހި ކޮށްދެއްވާފައިބާބަކިއު ހެދޭނޭ އިންތިޒާމާއި، މަސްބޭނުމަށްވެސް ޒަމަނީ ފެންވަރުގެ ތަނެއް ވަނީ ތަރައްޤީކުރައްވާފައެވެ. އަދި މޫދަށް އެރޭ ފަރާތްތަކަށް ފެންމާގަނޑުތައްވެސް އެތަނުގައި ވަނީ ހަރުކުރައްވާފައެވެ. ހެދިގޮނޑުދޮށުގެ މެދުގައި މިހާރު މަސައްކަތް ކުރިއަށްދާ ޕެވިލިއަންގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ މުޅި ރާއްޖޭގައިވެސް އެ ކޮންސެޕްޓަށް ތައްޔާރުކުރެވޭ ފުރަތަމަ ބިނާއަށެވެ. އެ ޕެވީލިއަންގައި ރެސްޓޯރެންޓާއި، ޗޭންޖިން ރޫމާއި، ފެންވެރޭނެ އިންތިޒާމްތައް ހުންނާނެއެވެ. އެތަނުން އެންމެ ބޮޑަށް ފާހަގަކުރެވޭނީ، ޕެވިލިއަންއިން މަގުގެ އަނެއްފަޅިއަށް ދެވޭގޮތަށް ހަދާ އޯވަރހެޑް ބްރިޖެކެވެ. މި ބްރިޖަށް އެރުމަށް ސިޑީގެ އިތުރުން ލިފްޓް ހަރުކުރެވިފައި ހުންނާނެއެވެ. މި ބްރިޖަކީ މިތަނަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމަކަށް ވެގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މާލޭގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރެއްވި ބީޗަކީ ހުރިހާ އެންމެންނަށްވެސް ވަދެ ނިކުމެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ ގޮތުން ބީޗަށް ވަދެވޭނެހެން އެކިތަންތާގައި ރޭމްޕް ވަނީ ހަރުކުރައްވާފައެވެ. އިސް ރަށްވެހިންނަށް ޚާއްޞަކުރައްވައިގެން، ބީޗްގައި ހައްދަވާފައިވާ، ކަސްރަތުކުރާ ތަނަކީ ފާހަގަކޮށްލަންޖެހޭ ތަނެކެވެ. ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުން ހިތްހަމަޖެހިލައިގެން އާއިލާތަކާއެކު އުޅުމަށްޓަކައި، މިފަދަ ތަންތަން ތަރައްގީ ކުރެއްވުމުގެ ތަފާތު މަޝްރޫއު މިހާރުވެސް ކުރިއަށްދެއެވެ.