މާލެއަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަސް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓުން ވިދާޅުވީ މިނީ ބަހުގެ ގޮތުގައި ކުރިއަށްއޮތްތަނުގައި މާލޭގައި ދުއްވާނީ ތިމާވެއްޓާއި ރައްޓެހި ބަސްތައް ކަމަށެވެ.
މާލެއަށް މިނީ ބަސް ތައާރަފްކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަވެސް މަސައްކަތްކުރީ ރާއްޖޭގެ ވެއްޓާއި ގުޅޭ އިލެކްޓްރިކް ބަސްތައް ގެނައުމަށެވެ. އެހެންނަމަވެސް ބަހުގެ ޚިދުމަތް ފެށިއިރު ފެނިގެންދިޔައީ ޢާއްމުކޮށް މިހާރުވެސް ދުއްވާ އިންޖީނުލީ ބަހެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުގެ ޑެޕިއުޓީ މިނިސްޓަރ ޙަމަދު ޢަބްދުޣަނީ ވިދާޅުވީ އެންމެ ފުރަތަމަވެސް މަސައްކަތްކުރީ އިލެކްޓްރިކް ބަސްތައް ގެނައުމަށްކަމަށެވެ. އަދި މިހާރުވެސް އެމަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް ވަގުތުނަގާތީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ލަސްނުކޮށް ފެށުމަށް ސަރުކާރުން ނިންމެވީކަމަށް ޙަމަދު ވިދާޅުވިއެވެ.
"ޕްލޭނާ އެއްގޮތަށް އިލްކްޓްރިކް ބަސް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން. އެހެންނަމަވެސް މިބާވަތުގެ ބަސްތައް ކަސްޓަމައިޒްކޮށް ވަކި ގޮތަކަށް ފަރުމާކުރަންޖެހޭތީ ވަގުތު އެބަ ނަގާއެކަމަށް. އެހެންކަމުން ސަރުކާރުން ބޭނުންވީ ވީއެންމެ އަވަހަކަށް ޚިދުމަތް ފަށަން. ކުރިއަށް އޮތް ތަނުގައި މާލޭގައި ބޭނުންކުރާނީ އިލެކްޓްރިކް ބަސްތައް" ހަމަދު ވިދާޅުވިއެވެ.
މާލޭގައި މިނީ ބަހުގެޚިދުމަތް ފަށަފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިނީ ބަހުގެ ޚިދުމަތަށް ދެހަފްތާވެގެންދިޔައިރު ބުދަދުވަހުގެ ނިޔަލަށް 120000 މީހުން މިނީބަހުގައި ދަތުރުކޮށްފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެއެވެ. ބަހުގެ ޚިދުމަތަކީ ރައްޔިތުން އިތުބާރުކުރާ އެޚިދުމަތަކަށް ބަރޯސާވެވޭފަދަ ޚިދުމަތަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިކަން ކަށަވަރުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީގެ އިތުރުން މާލެސިޓީ ކައުންސިލުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.