ޚަބަރު

ރައީސް ހައްޔަރުކުރަން އުޅުނު ފަރާތްތަކަށް ފިޔަވަޅު އަޅާނަން


ރައީސުލްޖުމުހޫރިއްޔާ ހައްޔަރުކުރަން މަސައްކަތްކުރި ހުރިހާ ފަރާތްތަކާ ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ނ. ކުޑަފަރީ ބަނދަރު ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފުލުހުންގެ އިދާރާއިން ރައީސުލްޖުމުހޫރިއްޔާ ހައްޔަރުކުރާވަރުގެ ޢަމަލެއް އެމަނިކުފާނު ނުކުރައްވާނެކަމަށެވެ. އެހެންކަމުން އެފަދަ މަކަރުވެރި، ރޭވުންތައް ރާވާ މީހުންނަށް ފިޔަވަޅުއަޅުއްވާނީ އެންމެންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އޮތް އިތުބާރު އިތުރުކުރެއްވުމަށް ކަމަށެވެ. ކޯޓަކަށް ވަދެ ވުޖޫދުގައި ނެތް މައްސަލައެއް ލިޔެގެން ވަގަށް ފޯމްފުރައިގެން ރާއްޖޭގެ ސަލާމަތީ އެއްބާރުކަމުގައިވާ ފުލުހުންގެ އިދާރާއާއި ކަމަށާއި، ފުލުހުންގެ މުއައްސަސާގެ ނަން ބޭނުންކޮށްގެން އެ އިދާރާއިން ހުށަނާޅާ ކަމެއް ހުށައަޅައިގެން އަދުލުއިންސާފު ޤާއިމުކުރައްވާ ކޯޓެއްގެ ތެރެއިން އަމުރުނެރުނީ ރައީސުލްޖުމުހޫރިއްޔާ ހައްޔަރުކުރަން ކަމަށާއި، މިއީ މިއަދު ރާއްޖޭގެ ޙާލަތުކަމަށް ރައީސް ޔާމީން ސިފަކުރެއްވިއެވެ. އަދި އެފަދަ ޙަޤީޤަތެއް ނެތް ކަންކަން ކުރުމަކީ ވާހަކަދެއްކުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންތޯ ރައީސް ޔާމީން ވަނީ ސުވާލުކުރައްވާފައެވެ. ސިޔާސީ ޙަރަކާތްތަކުގެ ގޮތުގައި ޙަރަކާތްތަކެއް ހިންގިނަމަވެސް މީހުންގެ މުދަލަށް ގެއްލުންދިނުމާއި، މީހުންނަށް ގެއްލުންދިނުމަކީ، މިއަދުގެ ސަރުކާރުން ބަލައިގަންނާނެ ކަންކަން ނޫންކަމަށާއި، އެފަދަ ކަންކަން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.