ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އުތުރުގެ 4 ރަށަކަށް ވަޑައިގަންނަވަނީ!


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އުތުރުގެ ހަތަރު ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ މިދަތުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ.އުތީމަށާއި ދިއްދުއަށާއި ހދ.ފިނޭއަށާއި ނައިވާދުއަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26ވަނަ ދުވަހުގައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުގައެވެ. މިދަތުރުފުޅުގައި، މިރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރުޢުތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވާނެއެވެ. އެގޮތުން މިހާރު އުތުރުގައި ފަށާފައިވާ ކާމިޔާބު މަޝްރުޢު އާރުޓީއެލްގެ ދަތުރުތައް ކުރިއަށްދާގޮތާއި، ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ހިމެނެއެވެ. މީގެ އިތުރުން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ރަށްރަށުގެ ޢާއްމު ޙާލަތައި ރައްޔިތުންގެ ޙާލު ބައްލަވާލެއްވުމަށް ރައީސް، ރައްޔިތުންނާވެސް ބައްދަލުކުރައްވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ހއ.އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްވެސްވަނީ ހަމަޖެހިފައެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ބޭއްވި ނަމަވެސް ޤައުމީ ދުވަހު ދިނުމަށް ހަމަޖެހިފައިވާ "ޤައުމީ އިނާމު" ދިނުމަށް ޚާއްސަ ޙަފްލާއެއް އަންނަ އޮކްޓޫބަރުމަހު މާލޭގައި ބާއްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރު އެ ދުވަސް ދިމާވަނީ މިމަހުގެ 27 ވަނަ ދުވަހާއެވެ.