ޚަބަރު

ފަރުތަކަށް އުރޭ އުޅަނދުތަކާމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދެއް އެކުލަވާލައިފި


ރާއްޖޭގެ ފަރުތަކަށް އުރޭ އުޅަނދުތަކާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ފެތޭ އުޅަނދުތަކާމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދެއް އެކުލަވާލަފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަނުން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ މިދެޤަވާއިދާއެކު 11 ގަވާއިދެއް އެކުލަވާލައި މިހާރުވަނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިކަމަށެވެ.

ރާއްޖޭގެ މެރިޓައިމް ސިނާޢަތް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން އަދިވެސް މުހިންމު ގިނަ ކަންކަމާގުޅޭ ޤަވާއިދުތަކެއް އެކުލަވާލެވިފައެއް ނުވެއެވެ. މިގޮތުން ރާއްޖޭގެ ފަރުތަކުގެ ސަލާމަތަށް އެކި ސަރަޙައްދުތައް ޙިމާޔަތްކުރަމުންދިޔަނަމަވެސް ބައެއް ޙާދިސާތަކުގައި ފަރުތަކަށް ބޮޑެތި އާގުބޯޓު ފަހަރުތަކާއި ތެޔޮ ޓޭންކަރުތައް އުރި އޭގެސަބަބުން ތިމާވެށީގެ އެތައް މައްސަލައެއްވަނީ މީގެކުރިންވެސް ކުރިމަތިވެފައެވެ. މިފަދަ ޙާދިސާތަކާއެކު ޢަމަލުކުރަން މިހާރު އޮންނަނީ ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާކުރުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެޅޭ ފިޔަވަޅެކެވެ. އެހެންކަމުން އެފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގަވާއިދެއް މިހާރުވަނީ އެކުލަވާލާފައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ހުސެއިން ނަޒީރު ވިދާޅުވީ އަލަށް އެކުލަވާލާފައިވާ ގަވާއިދުގެ ތެރޭގައި ރާއްޖޭގެ ފަރުތަކަށް އުރޭ އާގުބޯޓުތަކާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ތެރޭ ބޭރުގެ ބޯޓުތަކާއި މެދު ޢަމަލުކުރަނެ ގޮތުގެ ގަވާއިދެއްވެސް ހިމެނޭކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ހިނގާ މިފަދަ ޙާދިސާތަކުގައި ޢަމަލުކުރާނެ ގޮތް އިދާރާތަކަށް ސާފުކޮށް އިނގެން އޮންނާނެއެވެ. ނަޒީރު ވިދާޅުވީ މެރިޓައިމް ސިނާޢަތުގައި ހުރި ހުސްކަން ފިލުވުމަށް އެކުލަވާލަންޖެހޭ ވަރަށް ގިނަ ގަވާއިދުތަކުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"ރާއްޖޭގައި ވަރަށް ގިނަ ކަނޑުގެ އުޅަނދުތަކާއި ގުޅޭ ގަވާއިދުތައް ހެދިފައި އެބަހުރި. އެހެންނަމަވެސް އެއީ މުޅިންވެސް އެތެރޭގެ ދަތުރުފަތުރުކުރުމުގައި މިގެންދުޅޭ އުޅަނދުތަކަށް ޚާއްސަ. ރާއްޖެއިން ބޭރުން އަންނަ އަދި ރާއްޖެއިން ބޭރަށް ދާ އުޅަނދުތަކާއި ގުޅޭ ގަވާއިދެއް ނެތް. އެފަދަ އުޅަނދުތަކާއި ގުޅޭ ގަވާއިދުތައް މިހާރު އެކުލަވާލެވި ބޮޑަ ބެލެވެނީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެކަމަށް." ނަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން އަލަށް އެކުލަވާލާފައިވާ ގަވާއިދުތަކުގެ ތެރޭގައި އުޅަނދުތަކުގައި ދަތުރުކުރާ މީހުންގެ ހުރުމާއި ރައްކާތެރިކަމާއި ގުޅޭ އެކި ގަވާއިދުތަކާއި މީހަކަށް އަނިޔާވެ ނުވަތަ ނިޔާވާ ޙާލަތުގައި ޢަމަލުކުރާނެގޮތާއި ކަނޑު އުޅަނދުތައް ދުއްވުމުގައި ބޭނުންކުރާ ލައިސަންސަށްވެސް ބަދަލުގެނެސް އިތުރު ކެޓަގަރީތައް އުފެއްދުމަށްވަނީ ނިންމާފައެވެ. މީގެއިތުރުން ކަނޑު އުޅަނދުތަކުގައި އުފެދޭ ކުނި ތިމާވެއްޓާއި ރައްޓެހިގޮތަކަށް ނައްތާލާނެ ގޮތާއި ގުޅޭ ގަވާއިދަކާއި ބޭރުގެ ބޯޓިތައް ރާއްޖޭގެ ޕޯޓުތަކަށް އައިސް ޢަމަލުކުރާނެ ގޮތުގެ ގަވާއިދެއްވެސްމީގެ ތެރޭގައި ހިމެނޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެސަރަޙައްދުގައި ކުރެވޭ މަސައްކަތަކީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސައްކަތްތަކަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މިގޮތުން ކަނޑުމަތީގައި ހިނގާ ޙާދިސާތައް މަދުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.