ސިޔާސީ

އެއްވެސް ޚިޔާނާތެއްގައި އެއްެވެސް ދައުރެއް ނޯންނާނެ- ރައީސް


މޯލްޑިވްސް މާރކެޓިންގ އެންޑް
ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން
އެކިފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ކުރާ ތުހުމަތުތައް ރައްޔިތުންގެ
ކުރިމަތީގައި އެމަނިކުފާނު ދޮގުކުރައްވައިފިއެވެ. މާޅޮސްމަޑުލު ދެކުނުބުރީ
ކުޑަފަރީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ދިމާވަން
ޖެހުނު ސަބަބަކީ، އެމްއެމްޕީއާރުސީއާއި، ޓޫރިޒަމް މިނިސްޓްރީއަކީ އޭރުގެ ނާއިބުރައީސް
ނުވަތަ ޓޫރިޒަމް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވި
ތަނަކަށްވާތީ، ފާރަވެރިވާންޖެހޭ ހުރިހާ ފަރާތްތަކަށް އެކަން ކުރައްވަން ފަސޭހަފުޅު
ނުވީކަމަށް ޤަބޫލްކުރެއްވޭކަމަށެވެ. 

ރައީސް ވިދާޅުވީ، ކުރުމުއްދަތެއްގެ ތެރޭގައި
ބޮޑު ޢަދަދެއްގެ ފައިސާ އެކުންފުންޏަށް ޖަމާކޮށްފައިވާއިރު، އަދި އެފައިސާ
އެބޭފުޅުންގެ އަމިއްލަ ކުންފުނިތަކުގެ އެކައުންޓަށް ޖަމާކުރައްވާފައިވާފައިވާ ކަމަށެވެ.  އެފައިސާއަކީ ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ
އެމަނިކުފާނުގެ އަނބިކަނބަލުންނަށް ނުވަތަ ޕީޕީއެމަށް ދެއްވި ފައިސާކަމަށް ބައެއް
ފަރާތްތަކުން ބުނިނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށް
ވިދާޅުވިއެވެ.  އެ ފައިސާތައް ރައީސްއާ
ޙަވާލުކުރިނަމަ  އެ ޙަވާލުކުރި
ގޮތްތަކެއްވެސް ފެންނަން ހުންޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި
އޮޑިޓް ރިޕޯޓުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބައްލަވާއިރު،
އެބޭފުޅުންގެ ދިފާޢުގައި އެފައިސާ ރައީސް ޔާމިނާ ޙަވާލުކުރިކަމުގެ ލިޔެކިއުންތައްވެސް
ހުންނަންޖެހޭކަން ރައީސް ޢަބްދުﷲ ޔާމީން ފާހަގަކުރެއްވިއެވެ. 

ރާއްޖޭގެ
ރައީސްކަމަށް ކުރިމަތިލައްވައިގެން ރައްޔިތުންގެ ވޯޓާ ހަމައަށް
ވަޑައިގަންނަވާއިރު، މިފަދަ ބޮޑެތި ޚިޔާނާތުގެ ކަންކަން ކުރައްވައިގެން
ވަޑައިގަތުމަށް އެމަނިކުފާނުގެ ޤައުމިއްޔަތު ތަންނުދޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން
ރައީސްކަމުގައި ހުންނަވައިގެން އެމްއެމްޕީއަރުސީގެ ކޮރަޕްޝަންގެ ޢަމަލުގެ ތެރޭގައި
ރައީސް ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމުގެ ޔަޤީންކަން ރައީސް ޔާމީން
ވަނީ މިއަދު ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް އޮފީހުން ނިންމަވައިގެން ފިޝަރިޒް މިނިސްޓްރީން ފަޅުތައް
ނުވަތަ ފަޅުރަށްތައް ޓޫރިޒަމް މިނިސްޓްރީއާ ޙަވާލުކުރެއްވިނަމަވެސް އެއީ ވަކި
އުޞޫލެއްގެ ދަށުން ކުރައްވާ ކަންކަންކަމަށެވެ. ނަމަވެސް ފަޅުރަށްތައް ޙަވާލުކުރެއްވި
ފަރާތްތަކުން ނާޖާއިޒްގޮތުގައި ފައިދާ ނެންގެވުމުން އެކަން އެނގޭނީ އޮޑިޓެއް
ކުރައްވައިގެންކަމަށް ވިދާޅުވި. ރައީސް ޔާމީން ވަނީ 2013 ނޮވެމްބަރު 17 އިން
ފެށިގެން އެމްއެމްޕީއާރުސީގެ ޚާއްސަ އޮޑިޓެއް ކުރެއްވުމަށް އޮޑިޓް އޮފިހަށް
އަންގަވާފައެވެ. އަދި މިދިޔަ ހުކުރު ދުވަހު އޮޑިޓް އޮފީހުން ވަނީ
އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓު ނެއްރުއްވާފައެވެ. 

އޮޑިޓް ރިޕޯޓުގައި
ފާހަގަކުރައްވާފައިވާ ކަންކަން ބެއްލެވުމަށް ރައީސްއޮފީހުގައި ޚާއްޞަ ކޮމިޓީއެއް
އެކުލަވާލައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދައުލަތަށް
ވަންނަ ފައިސާ ސަރުކާރަށް ވާނުވާ އެނގިވަޑައިނުގެން މިހާދުވަސްވެގެން ދިއުމަކީ
ޤަބޫލްކުރެއްވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މިކަމުގައި ބޭންކުތަކުގައި
ކޮންމެވެސް ހިސާބަކުން އިހުމާލްވުންތަކެއް ނުވަތަ ބައެއް މުވައްޒަފުންގެ އަމިއްލަ
ބައިވެރިވުން އެކަމުގައި ހުރިކަމަށް ޤަބޫލްކުރެއްވޭ ކަމަށާއި، އެކަން އޮޑިޓް
ރިޕޯޓުން ހާމަވާކަމަށް ވިދާޅުވިއެވެ. އަދި ބޭންކުތަކުގައި ހިނގާ އެފަދަ ކަންކަން ރައީސް
އެނގިވަޑައިނުގެން ހިނގައިދާނެކަމަށާއި އެކަންކަން ހާމަވާނީ އޮޑިޓެއް
ކުރައްވައިގެންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް
1.2 ބިލިއަން ރުފިޔާއަށް އަރައެވެ.