ޚަބަރު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާސްލް 3ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ވަނަ އަވަހާރަވީ 2022 ސެޕްޓެމްބަރ 8 ވީ ބުރާސްފަތި ދުވަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ. ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި، 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ދަތުރުފުޅުގައި ވަނީ އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވައިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތަޢުޒިޔާގެ މެސެޖު ލިޔުއްވާފައެވެ.