ޓެނިހުގެ ދުނިޔެ ދުށް އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމަށްވާ ސްވިޓްޒަލަންޑުގެ ރޮޖާ ފެޑެރާ ކުޅުން ހުއްޓާލަން ނިންމީ އަނިޔާގެ ސަބަބުން އިތުރަށް ކުރިއަށް ނުދެވޭނެކަން އެނގުމުން ކަމަށް އޭނާ ބުނެފިއެވެ.
ގްރޭން ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރަރ ރިޓަޔާ ކުރަން ނިންމާފައިވަނީ ކުރިއަށް އޮތް ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލެވަރ ކަޕަށް ފަހުއެވެ. އުމުރުން 41 އަހަރުގެ ފެޑެރަރ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުންނެވެ.
ފެޑެރާ ހާމަކުރިގޮތުގައި ވޭތުވެދިޔަ ތިން އަހަރަކީ އޭނާގެ ކެރިއަރުގައި އެންމެ ހިތްދަތި އަދި އުނދަގޫ އިން އަހަރު ކަމަށެވެ. އަދި އޭނާ އެންމެފަހުން ވިމްބަލްޑަން ކުޅުންއިރުވެސް އޭނާއަށް ކުރިއަށް ދިއުމުގެ ފުރުސަތު އަނިޔާގެ ސަބަބުން ވަރަށް ހަނި ކަން އެނގުނު ކަމަށެވެ. އަދި އެމުބާރާތުގައި ލިބިގެންދިޔަ އަނިޔާއަށް ފަހު އެނބުރި އާދެވޭތޯ މަސައްކަޔް ކުރި ކަމަށާއި ނަމަވެސް އޭނާއަށް ވެސް ކުރެވޭނީ ވަކިވަރެއް ކަމަށެވެ. އަދި އޭނާއަށް ކުރިމަތިވެފައިވި އަނިޔާގެ ސަބަބުން ކުރިއަށް ދެވެނެެކަމަށް އޭނާއަށް ގަބޫލް ކުރެވެން ހުއްޓުނީ ކަމަށެވެ.
ފެޑެރާ ބުނީ ވޭތިވެދިޔަ ދެތިން ހަފްތާއަކީ އޭނާއަށް ވަރަށް ހިތްދަތި ދެތިން ހަފްތާކަމަށެވެ. އޭނާ ކުޅުން ހުއްޓާލާ ވާހަކަ ހާމަކުރާނެ ގޮތަކާއި އަދި އެކަމަށްޓަކައި އޭނާ ލިޔުނު ލިޔުންކޮޅު ލިޔުނުއިރު ކުރެވެމުންދިޔަ އިހްސާސް ތަކަކީ އާދަޔާ ހިލާފު އިހްސާސް ތަކެއް ކަމަށް ފެޑެރަރ ހާމަކުރިއެވެ. ފެޑެރަރ ކުޅުން ހުއްޓާލާނެކަން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި މެސެޖެއްގައެވެ. ފެޑެރަރ ކުޅޭ ފަހު މެޗަކަށް ވެގެންދާނީ މާދަމާ ރޭ ލެވަރ ކަޕްގައި ކުޅޭ ޑަބަލްސް މެޗެވެ.