ޚަބަރު

ޔޫކްރެއިނަށް އިތުރު ސިފައިން ފޮނުވަން ޕުޓިން އަމުރުކުރައްވައިފި


ޔޫކްރެއިނުގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އިތުރު ސިފައިން ފޮނުވަން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަމުރު ކުރައްވައިފިއެވެ. މި އަމުރާ އެކު، ރަޝިޔާގެ އަސްކަރިއްޔާގެ ރިޒަރވް ފައުޖުގެ 300,000 އަށްވުރެ ގިނަ ސިފައިން ޔޫކްރެއިނަށް ފޮނުވުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ މަސައްކަތް ފަށާފައެވެ.

ޕުޓިން މިކަމަށް އަމުރު ކުރައްވާފައި ވަނީ ރަޝިޔާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޓީވީ މެދުވެރިކޮށް ޕުޓިން އޭނާގެ ޤައުމާ މުޚާތަބު ކުރައްވާފައި މި ވަނީ، ޔޫކްރެއިނާ ވަކިވެ، ރަޝިޔާއާ ގުޅުމާ މެދު ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކުން ނިމްމައި، އެ ކަން އިޢުލާނު ކުރުމާ ގުޅިގެންނެވެ.

ވޯޓު ނެގުމަށް ނިންމާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޑޮންބާސް އެކުލެވިގެންވާ ޑޮނެޓްސްކްއާއި ލުހާންސް ހިމެނެއެވެ. އެއީ، ޔޫކްރެއިނުގެ އިރުމަތީގައިވާ ސަރަޙައްދުތަކެކެވެ. މީގެ އިތުރުން، އެ ޤައުމުގެ ދެކުނުގައިވާ ޚާރްކިވްއާއި ޒަޕޮރީޜިޔާގައި ވެސް މި ފަދަ ވޯޓެއް ނަގާނެއެވެ. ވޯޓުލުން ކުރިއަށް ދާނީ ސެޕްޓެންބަރު 23 އިން 27 އަށް ކަމަށް އެ ސަރަޙައްދުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ރަޝިޔާއިން ޢައްޔަން ކޮށްފައިވާ މީހުން ބުނެއެވެ. ހުޅަނގުން ވަނީ މި ކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބިންތަކެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، މި ހަނގުރާމައިގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އަދި، އެ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނުގެ ސިފައިން ހިންގާ އޮޕަރޭޝަނެއްގެ ދަށުން ދޭ ކޮންމެ ހަމަލާއަކީ ރަޝިޔާއާއި ދެކޮޅަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު ޕުޓިންއަށް ލިބޭނެއެވެ.

ޕުޓިން ވިދާޅުވީ، ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން އަޅަން ޖެހުނު އެއްވެސް ފިޔަވަޅެއް އެޅުމަށް އޭނާ ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގައެވެ. އަދި، ހުޅަނގުގެ ޤައުމުތަކުން ޔޫކްރެއިނަށް ތާޢީދުކޮށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ، ރަޝިޔާ ނައްތައިލުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެއްޖެ ހިނދެއްގައި، އަދި ރަޝިޔާއާއި ރަޝިޔާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހުނު އެންމެހައި ފިޔަވަޅެއް ފަސްނުޖެހި އަޅާނަން. މިއީ، އޮޅުވައިލަން ދައްކާ ބުހުތާން ވާހަކައެއް ނޫން،" ޕުޓިން ވިދާޅުވިއެވެ.

"ރަޝިޔާއާ ދެކޮޅަށް ނިއުކްލިޔަރ ހަމަލާއެއް ދޭނެ ކަމަށް ބުނެ އިންޒާރުދޭ ޤައުމުތަކުން ވިސްނަން ޖެހޭނެ. ވަޔަކީ އެނބުރޭ އެއްޗެއް. އެ ޤައުމުތަކާ ދިމާލަށް ވެސް ވައި އެނބުރި ދާނެ،" ޕުޓިން ވިދާޅުވިއެވެ. މިއީ، ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރެއް ބޭނުންކޮށްފާނެ ކަމުގެ އިންޒާރެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް މަރުވި ސިފައިންގެ އަދަދު ވެސް ރަޝިޔާއިން ވަނީ ހާމަކޮށްފައެވެ. ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވީ، ހަނގުރާމައިގައި މަރުވި ރަޝިޔާ ސިފައިންގެ އަދަދު 5,937 އަށް އަރާފައިވާ ކަމުގައެވެ.

2014 ވަނަ އަހަރު ވެސް ރަޝިޔާއިން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގައި ޔޫކްރެއިނުގެ ސަރަޙައްދަކަށް ވެރިވެގަނެފައެވެ. ޔޫކްރެއިނުގެ ދެކުނުން އޮތް ކްރައިމިޔާއަކީ މިހާރު ރަޝިޔާގެ ބިމެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. އޭގެ ކުރިން، ރަޝިޔާ ސިފައިން ވަނީ އެ ސަރަޙައްދަށް އަރައި، އެ ތަން ހިފާފައެވެ.