ދުނިޔޭގެ ވިޔަފާރި

ރަޝިޔާގައި ހިންގާ ޕެޕްސީގެ ވިޔަފާރިވެސް ހުއްޓާލައިފި


އެމެރިކާގެ ލުއި ބުއިން އުފައްދާ ޕެޕްސީ އިންކޯޕަރޭޝަނުން ރަޝިޔާގައި ހިންގާ ވިޔަފާރި ހުއްޓާލައިފިއެވެ.

ޕެޕްސީއިން ރަޝިއާގައި ހިންގާ ވިޔަފާރި ހުއްޓާލީ ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުމާއި ގުޅިގެނެވެ. އަދި މިކަން ކުރާނެކަން އެ ކުންފުނިން އޮތީ މީގެ 6 މަސް ދުވަސްކުރިން އިއުލާންކޮށްފައެވެ.

ޕެޕްސީއިން ވަނީ ވަނީ ރަޝިޔާގައި ޕެޕްސީކޯލާ، މިރިންޑާ، 7އަޕް އަދި މައުންޓް ޑިއުއަށް ކޮންސެންޓްރޭޓް ހެދުން ހުއްޓާލާފައިވާ ކަން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައެވެ.

އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވީ މިއީ 2022 ވަނަ އަހަރުގެ މާޗް މަހު އެ ކުންފުނިން ކުރި އިއުލާނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. ނަމަވެސް ވިޔަފާރި މުޅިން ހުއްޓާލާއިވޭތޯ ކުރި ސުވާލަށް ތަރުޖަމާނު ޖަވާބެއް ނުދެއްވައެވެ.

މޮސްކޯގެ އެންމެ އިރުމަތީގެ ވްލަޑިވޮސްޓޮކް އާއި ސައިބީރިއާގެ ކްރަސްނޯޔާސްކްގައި އަދިވެސް ޕެޕްސީގެ ސޯޑާ ފުޅާދާއިރާއެއްގައި ލިބެން ހުރިކަމަށް ރޮއިޓާސްއިން ކުރި ރިވިއުއަކުން ދައްކައެވެ.


އެޓްލާންޓާގައި ހުންނަ ވާދަވެރި ކޮކާކޯލާގެ އުފެއްދުންތައް ރަޝިޔާގައި އަދިވެސް ވިއްކައެވެ. ނަމަވެސް ކޮކާކޯލާއިން ވަނީ ރަޝިއާގައި ހިންގާ ވިޔަފާރި ހުއްޓާލާނެކަމަށް މިދިޔަ މާޗްމަހު އިއުލާންކޮށްފައެވެ.

ޕެޕްސީއިން މާޗް މަހު ބުނިގޮތުގައި ކޮންމެހެން ބޭނުންވާ ތަކެތި ކަމަށްވާ ކިރާއި އެހެނިހެން ކިރުގެ ބާވަތްތަކާއި ކުޑަކުދިންގެ ފޯމިއުލާ ކިރު އަދި ކުޑަކުދިންގެ ކާނާ ފަދަ ތަކެތި ރަޝިޔާގައި ވިއްކުން ކުރިއަށް ގެންދާނެކަމަށެވެ.

2021 ވަނަ އަހަރު އެމެރިކާއާއި މެކްސިކޯއަށްފަހު ޕެޕްސީގެ ތިންވަނައަށް އެންމެ ބޮޑު މާކެޓަކީ ރަޝިޔާއެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ހުޅަނގުގެ ގިނަ ވިޔަފާރިތަކަކުން ވަނީ އެމީހުން ރަޝިޔާގައި ހިންގާ ވިޔަފާރި ބަންދުކޮށްފައެވެ. ނަމަވެސް މި ފިޔަވަޅުތަކުގެ ދަށުން ކާބޯތަކެތީގެ ވިޔަފާރިތަކަށް ދަތިކުރުމުގެ ފިޔަވަޅު ހުޅަނގުން އަޅާފައެއް ނުވެއެވެ.