ޚަބަރު

ތަރައްޤީ ދެމިއޮންނާނީ ޤައުމުގައި ހަމަޖެހުން ދެމިއޮވެގެން- ރައީސް


ޤައުމީ ތަރައްޤީއަށް
ކުރެވޭ ބޮޑެތި މަސައްކަތާއި އެމަސައްކަތުން ރައްޔިތުންނަށް ލިބޭ މަންފާ
ދެމިއޮންނާނީ ޤައުމުގައި ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ދެމިއޮވެގެން ކަމުގައި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ނަރުދަމާގެ ޚިދުމަތް ފެއްޓެވުމާއި، އެރަށު
ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަޝްރޫޢު ނިމުން ފާހަގަކުރެއްވުމުގެ
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަމަޖެހުން
ނެތް ތަނެއްގައި އެއްވެސް ކަމަކުން ކުރިއެރުމާއި ތަރައްޤީ، ނުފެންނާނެކަމަށެވެ. 

އެހެންކަމުން ސަރުކާރުން ހަމައެކަނި އިސްކަންދެއްވަނީ ރަށްރަށަށް ބޭނުންވާ ޢުމްރާނީ
ތަރައްޤީއާއި ކުރިއެރުން ގެނެސްދިނުމަށް އެކަނި ނޫންކަމަށާއި، ތަރައްޤީ
ގެނެސްދެއްވާނީ ފަނާވެ ގޮސްފައިވާ ދިވެހިންގެ ރިވެތި އާދަތަކާއި އުޞޫލުތައް
އަނބުރާ އިޢާދަކުރެއްވުމަށް މަސައްކަތްކުރެއްވުމަށް ކަމަށެވެ. މިމޭރުމުން
ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުށްމަދުކުރުމަށް ކުރެވޭ މަސައްކަތަކީވެސް
ހަމައެކަނީ ޤާނޫނުތައް އެކުލަވާލައްވައި ޖަލުތައް ޢިމާރާތްކުރެއްވުން
ނޫންކަމަށާއި، އަމާން މުޖުތަމަޢުއެއް އުފެދޭނީ ޒުވާނުން ކުށްތަކާއި ދުރުހެލިވެ،
ކުޅިވަރުފަދަ ކަންކަމުގައި މަޝްޢޫލުވެ އުޅުމުންކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ހަމަޖެހޭ
މުޖުތަމަޢުއަކީ އަމާން މުޖުތަމަޢުއެއްކަމަށެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ ތެރެއިން
ތިންބައިކުޅަ ދެބަޔަކީ ޒުވާނުންކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ،
އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑުއިސްކަމެއް ދެއްވަނީ ޒުވާނުންނަށް
ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ކަމަށެވެ.