ޚަބަރު

"ޖަޒީރާ ރަށްތަކަށް ގިނައިން ދިމާވަނީ ތިމާވެށީގެ މައްސަލަތައް"


ޖަޒީރާ ރަށްތަކުގައި އެންމެ ގިނައިން ދިމާވާނީ ތިމާވެށްޓާ ގުޅުންހުރި މައްސަލަތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެއަތޮޅު ހޮޅުދޫގައި ނަރުދަމާގެ ޚިދުމަތް ފެށުމާއި އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ތިމާވެށްޓަށް ދިމާވާ މައްސަލަތައް ޙައްލުކުރެވޭނީ މިކަމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ހޯދައިގެންނެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ލިބިގެންދާ ގެއްލުންތަކަށް ހައްލު ހޯދޭނީ މިބަދަލުތަކާ ބައްދަލުވާ ވަޞީލަތްތަކުގެ ބޭނުންކުރެވިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ހޮޅުދޫއަށް ސާފު ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިކަމަށް ހައްލު ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން، ލޮނުން ސާފު ފެން އުފެއްދޭ ނިޒާމެއްކަމުގައިވާ "ރިވާސް އޮސްމޯސިސް ޕްލާންޓް" މިއަހަރުގެ ތެރޭގައި އެރަށުގައި ޤާއިމުކުރެވިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހޮޅުދޫގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށްޓަކައި، އެރަށު މޭނާ ސްކޫލްގައި މިއަހަރު ތެރޭގައި އިތުރު ހަކުލާސްރޫމް އެޅިގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ރައީސުލްޖުމްހުރިއްޔާ ފާހަގަކުރެއްވިގޮތުގައި، ރާއްޖޭގެ ހުރިހާ ރަށަކަށް އެންމެ ފުރަތަމަ ފަހަރަށް ސައްވީސް ގަޑިއިރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތްވަނީ މިދިޔަ އަހަރުގެ ތެރޭގައި ފެށިފައެވެ. އަދި، މުޅި ރާއްޖެއަށް ބަލާއިރު، ތަރައްޤީ ކުރުމުގެ ގޮތުން ކުރެވިގެންދާ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތް ކުރެވެމުންދަނީ ރަށްރަށުގެ ނަރުދަމާއާއި ފެނުގެ ނިޒާމު ތަރައްޤީ ކުރުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ތެރެއިން ތިން ބައިކޮށް ދެބަޔަކީ ޒުވާނުން ކަމުގައިވާއިރު، ޒުވާނުންގެ ތަރައްޤީއާ ކުރިއެރުމަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމާއި އަދި ޒުވާނުންނަށް ތަޢުލީމު ހާޞިލު ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަކީ މުހިންމު ކަމެކެވެ. އަދި، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ހަމަޖެހޭ މުގުތަމަޢުއަކީ އަމާން މުޖުތަމަޢުއެކެވެ.