ޚަބަރު

އަތޮޅުތަކުގެ 4 ރަށުގެ ސިއްޙީ މަރުކަޒު ބޮޑުކުރަން ޙަވާލުކޮށްފި


4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން ޢިމާރާތް ހަދަން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ. އަލަށް މަސައްކަތް ހަވާލުކުރި ރަށްތަކަކީ ށ.ފީވަށް، ށ.ނަރުދޫ، ށ.ޅައިމަގު، އއ.މަތިވެރި މި ރަށްރަށުގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތެވެ.

ށ.ނަރުދުއާއި ށ.ޅައިމަގުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކްލޭ ލިމިޓެޑް ލައިބިލިޓީ ޕަރޓްނަރޝިޕްއާއެވެ. މި މަސައްކަތުގައި ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތަށް ބޭނުންވާ އިމާރާތް ހެދުމާ، އިމާރާތުގެ ފެންޑާ(ޕޯޓިކޯ) ހެދުން ހިމެނެއެވެ.

ށ.ނަރުދޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ 4220037.44 (ހަތަރު މިލިޔަން ދެލައްކަ ވިހިހާސް ތިރީސް ހަތް ރުފިޔާ ސާޅީސް ހަތަރު ލާރި) އަށެވެ. މި މަސައްކަތް 5 މަސް ދުވަހުން ނިންމަންޖެހެއެވެ.

ށ.ޅައިމަގުގެ މަސައްކަތް 5މަސް ދުވަހުން ނިންމުމަށް ހަވާލުކޮށްފައިވަނީ 4343738.23 (ހަތަރު މިލިޔަން ތިންލައްކަ ސާޅިސް ތިންހާސް ހަތްސަތޭކަ ތިރީސް އައް ރުފިޔާ ތޭވީސް ލާރި) އަށެވެ. މީގެތެރޭގައިވެސް އާ އިމާރާތާ ޕޯޓިކޯގެ މަސައްކަތް ހިމެނެއެވެ.

ށ.ފީވަކުގެ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕާސްޓްލައިން ޕްރައިވެޓް ލިމިޓެޑައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 3686201.08 (ތިންމިލިއަން ހަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ އެއް ރުފިޔާ އަށްލާރި) އަށެވެ. މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 5މަހުން މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

އއ.މަތިވެރި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހަވާލުކުރީ ރައިޒާ ޕްރައިވެޓް ލިމިޓެޑްއާއެވެ. ޕްރޮޖެކްޓްގެ އަގަކީ 4800000 (ހަތަރު މިލިއަން އަށްލައްކަ ރުފިޔާ) އަށެވެ. މި މަސައްކަތުގެ މުއްދަތަކީވެސް 5މަސް ދުވަހެވެ.

ސަރުކާރުން އަންނަނީ އަތޮޅުތަކުގައިހުރި ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ރަށްރަށުގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން ޢިމާރާތް ހެދުމާއި އާބާދީ ބޮޑެތި ރަށްރަށުގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.

މީގެ އެންމެބޮޑު ބޭނުމަކީ ރަށުގައިތިބެން އާންމު ސިއްޙީ ބަލިތަކުގެ ސިއްޙީ ފަރުވާގެ ނިޒާމު ފުރިހަމަކުރުމެވެ. އަދި އާންމުކޮށް ޑޮކްޓަރަށް ދައްކާ ސްޕެޝަލިސްޓް ޚިދުމަތްތައް ރަށްރަށާއި ހަމައަށް ފުޅާކުރުމެވެ.

ބައެއް ރަށްރަށުގެ ސިއްޙީ މަރުކަޒުތަކަކީ 16ގަޑިއިރު ޚިދުމަތްދޭ ތަންތަނެވެ. ޖާގަ އިތުރުކޮށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތާއެކު ސިއްޙީ މަރުކަޒުތަކުގެ ޚިދުމަތް 24 ގަޑިއިރަށް އިތުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

އަދި ރަށްރަށުގައި އާންމު ބަލިތަކުގެ ޓެސްޓްތައް ހެދުމަށް ލެބޯޓްރީ ޤާއިމުކުރުމާއި، މޯބައިލް ލެބޯޓްރީފަދަ ޚިދުމަތްތައް ފުޅާކުރުން ހިމެނެއެވެ.