ޚަބަރު

އައި.އޭ.ޕީ.އާރުގެ އޮނަރަރީ މެންބަރުކަން މިނިސްޓަރ ޝާހިދަށް


ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ޚާރިޖީ ދާއިރާއަށް ކޮށްދެވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އދގެ އިންޓަރނެޝަނަލް އެސޯސިއޭޝަން އޮފް ޕާރމަނަންޓު ރެޕްރަޒެންޓޭޓިވްސް (އައި.އޭ.ޕީ.އާރު)އިން، އެ އެސޯސިއޭޝަންގެ އޮނަރަރީ މެންބަރުކަން އެމަނިކުފާނަށް އަރުވައިފިއެވެ.

މިނިސްޓަރ ޝާހިދަށް މި ޝަރަފް އަރުވާފައިވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތަކަށާއި، ޚާއްޞަކޮށް ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކާއި، ރާއްޖެއާއި އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވައި، އދއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރުމަށް އައި.އޭ.ޕީ.އާރުއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އައި.އޭ.ޕީ.އާރުގެ އޮނަރަރީ މެންބަރުކަމާއި މިޝަރަފުގެ އައްޑަނަ މިނިސްޓަރ ޝާހިދަށް އަރުވަމުން، އައި.އޭ.ޕީ.އާރުގެ ރައީސް، އަދި ނަމީބިޔާއިން އދ.އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު، ނެވިލް މެލްވިން ގާރޓުޒޭ ވިދާޅުވީ، މިނިސްޓަރ ޝާހިދު، އދ.އަށާއި އަމިއްލަ ވަޒަނަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއްކަމަށެވެ. އަދި މިނިސްޓަރ ޝާހިދު ކޮށްދެއްވި މުހިންމު މަސައްކަތްޕުޅުތައް ވަޒަންކުރުމުގެ ގޮތުން، އައި.އޭ.ޕީ.އާރުއިން އޮނަރަރީ މެންބަރުކަމާއި މިޝަރަފުގެ އައްޑަނަ އެރުވީކަމަށް ނެވިލް މެލްވިން ގާރޓުޒޭ ވިދާޅުވިއެވެ. މި ޝަރަފުގެ އައްޑަނަ ދާއިމަށް ދޭހަކުރާނީ މިނިސްޓަރ ޝާހިދު އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮށްދެއްވި މަތިވެރި ޚިދްމަތްތައްކަމަށްވެސް އައި.އޭ.ޕީ.އާރުގެ ރައީސް ވިދާޅުވިއެވެ.

އދގެ އިންޓަރނެޝަނަލް އެސޯސިއޭޝަން އޮފް ޕާރމަނަންޓު ރެޕްރަޒެންޓޭޓިވްސް (އައި.އޭ.ޕީ.އާރު) އަކީ 1988 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ އެސޯސިއޭޝަނެކެވެ. މި އެސޯސިއޭޝަންގެ މައިގަނޑު މަޤްސަދަކީ ނިޒާމީގޮތުން އދގެ ދާއިމީ މަންދޫބުކަން ކުރައްވަމުން އަދި ކުރައްވާފައިވާ ބޭފުޅުންނާއި ފޯރަމްތައް މެދުވެރިކޮށް ގުޅުން ބަދަހިކޮށް، އދއާއި އެބޭފުޅުންގެ މެދުގައި މުއާސަލާތީ ގުޅުން ރަނގަޅުކޮށް، އެކިއެކި ޤައުމުތަކާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމެވެ.

މިނިސްޓަރ ޝާހިދު ރާއްޖެއާއި އދ.އަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވާ ބައެއް ޤައުމުތަކުން ވަނީ އެޤައުމުތަކުގެ އެންމެ މަތީ އިއްޒަތްވެސް މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.