ޚަބަރު

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ ނަމަކަށް "އަޒުމް"


ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ ނަމަކަށް "އަޒުމް" ކިޔައިފިއެވެ.

ރާއްޖޭގެ ޖައްވީ މިޝަނަށް ނަމެއް ދިނުމަށް ހުޅުވާލި ފުރުޞަތުގައި 85 މީހުން ނަން ހުށައެޅިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މަސައްކަތަކީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ މަސައްކަތެކެވެ. ޖައްވީ މިޝަންގެ މެއިން ޕަރޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއެވެ.

އައި.ޖީ.އެސްއާއި އެޗް.ޑީ.ސީ ގުޅިގެން ކުރިއަށްގެންދާ މި ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓްކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. މި ސެޓެލައިޓް ހަދައި، ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުންނެވެ.

ޖައްވީ މިޝަންއަށް ނަމެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހުއެވެ. ފުރުޞަތު ހުޅުވާލީ ދިވެހިރާއްޖެއާއި ގުޅޭ ދިވެހިވަންތަ، މި މަސައްކަތާ ގުޅޭ ނަމެއް ހޯދުމަށެވެ.

ހުށައެޅި ނަންތަކުގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންއަށް ނަން ދީފައި މިވަނީ "އަޒުމް"ގެ ނަމުންނެވެ. އަޒުމްގެ ދިވެހި މާނައަކީ ކަމެއް ކުރުމަށް ގަސްތުކޮށް، މާ ވަރުގަދައަށް އެކަން ހިތުގައި ކަނޑައަޅާ ކަނޑައެޅުމަށެވެ.

އެޗްޑީސީން ބުނީ މި ނަމަކީ ދިވެހި ނަމަކަށްވުމާއެކު ކިޔާލަންވެސް ފަސޭހަ ނަމެއްކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓަކާވެސް އެންމެ ގުޅޭ ނަން ކަމަށެވެ. މި ނަމުން، ޒުވާން ޓީމުން މި ކުރާ މަސައްކަތުގައި، އެމީހުންގެ އަމާޒު ހުރިގޮތް ބުނެދޭ ނަމެއްކަމަށެވެ.

މި ފުރުޞަތުގައި ލިބުނު 85 ހުށައެޅުމުގެ ތެރެއިން "އަޒުމް" މި ނަން ހުށައެޅީ ސައުދުﷲ އިދްރީސްއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންއަކީ އެމެރިކާގެ ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައިޖީއެސްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަނަކީ ސްޕޭސް ޢިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.