ޚަބަރު

ދާންދޫގެ ރައްޔިތުން އެދޭގޮތަށް ސަރުކާރުން ތަރައްޤީ ގެނެސްދީފި: ޔައުގޫބު


ދާންދުއަކީ އޮތްރަށެއްކަން ގަބޫލުކޮށް، ރައްޔިތުން ޒަމާނުއްސުރެ އެދެމުންދިޔަ ތަރައްޤީ ހާސިލްކޮށްދިނީ މިސަރުކާރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދާންދުއަކީ ހުވަދު އަތޮޅުގެ ރަށްތަކުގެ ތެރެއިން ތަރައްޤީގެ މަޝްރޫޢު އެންމެ ގިނައިން މިހާރުވެސް ކުރިއަށްދާ އެއްރަށެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކުގައި ބޭނުންކުރުމަށް ގެނެސްފައިވާ “ބޮޑު ޖައްރާފާ”ގައި ދާންދޫ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔައުޤޫބު ވިދާޅުވީ، ދާންދޫ ރައްޔިތުންނަކީ ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނެކޭ އެއްގޮތަށް ތަރައްޤީއަށް ނުހަނު ބޭނުންވާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށެވެ. ނަމަވެސް މާޒީގައި ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ތަރައްޤީ ނުގެނެވި އޮތީ ވަރަށް ބޮޑަށް އިހުމާލު ވެފައިކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކުރެވޭނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށްވާއިރު މީގެކުރިން އެކެން ނުކުރެވުނީ އެސިޔާސަތުވެސް ނެތުމުންކަމަށް ޔަގޫބް ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވިފަހުން މިއަދާއި ހަމައަށް ރަށްރަށަށް މިހާބޮޑެތި ތަރައްޤީގެ ކުރިއެރުން ލިބިގެންދަނީ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން، ރައްޔިތުންގެ އަޑު އަހައިގެން ތަރައްޤީ ގެނެސްދޭތީކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

"މީގެ ކުރިންވެސް ދާންދޫވެސް އޮތް. ނަމަވެސް މިކަންކަން ކުރެވިގެން ނުދޭ. މިހާ ގިނަ އަދަދެއްގެ ޕްރޮޖެކްޓް އެއްފަހަރާ ދާންދޫގައި ހިނގާ ސަރުކާރެއް ނާދޭ. މިހާރުވެސް އެތައް ޕްރޮޖެކްޓެއް ދަނީ ހިނގަމުން" ޔައުޤޫބް ވިދާޅުވިއެވެ.

ދާންދޫ ރައްޔިތުން މިސަރުކާރުގައި އެދުނު ތަރައްޤީގެ ކޮންމެކަމެއް ހާސިލް ކުރުމުގައި ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ. ބިންހިއްކުމުގެ މަސައްކަތް ނިމިގެންދާއިރު، ދާންދޫ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، ތަރައްޤީގެ އެތައް ކަމެއް ކުރުގެ ތަނަވަސް ޖާގަ ލިބިގެންދާނެއެވެ. އަދި ރަށުގެ ރައްޔިތުން މޫދަށް އެރުމަށް ހިތްގައިމު ބީޗުތަކެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 25 ހެކްޓަރު ހިއްކާނެއެވެ. އަދި އެސަރަޙައްދު ޙިމާޔަތްކުރުމަށް 1238 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި 240 މީޓަރުގެ ހުރަސްތޮއްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން މަދު އާލާތްތަކަކާއެކު ފަޅު ފުން ކުރުމުގެ މަސައްކަތް ފެށީ 1995 ވަނަ އަހަރުގައެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ފަޅު ފުންކުރުމާއި ބިން ހިއްކުމަށް ޚާއްސަކޮށްގެން "ކަޓަރ ސެކްޝަން" 2 ޑްރެޖަރ އޮޕަރޭޝަނަށް ގެނެސް ބިންހިއްކުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވިއެވެ. އަދި މަސައްކަތުގެ ސްޕީޑް އަވަސްކުރުމުގެ ގޮތުން 3700 ކިއުބިކް މީޓަރުގެ މަހާ ޖައްރާފާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ޑްރެޖިން ފްލީޓް ޤާއިމްކުރިއެވެ.