ޚަބަރު

ފެން ހުސްވާ ރަށްރަށުން ދުރާލާ އެކަން އަންގަންޖެހޭ - ޑިޒާސްޓަރ


މިއަހަރު އިރުވައި މޫސުމުގައި ރާއްޖޭގެ ރަށްރަށް ފެނަށް ޖެހުމުގެ ކުރިން އެ ރަށްރަށުން ދުރާލާ އެކަން އެންގުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.ރަށްރަށުން ފެން ހުސްވަމުންދާތީ، އެކަން ހައްލުކުރުމަށް އެ ސެންޓަރުން ކުރާ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ތަސްނީމް ވިދާޅުވީ، ފެން ފޯރުކޮށްދޭ ފަރާތްތައް މަދުވުމާއި ފެން ނަގަންޖެހޭ ޕޮއިންޓްތައް ދުރުގައި ހުރުމާއި ފެނަށް ޖެހުމުން އެކަން ރަށްރަށުން އެންގުން ލަސްވުމުން ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެންދާ ކަމަށެވެ.އެހެންކަމުން ފެން ހުސްވުމުގެ 15 ދުވަސް ކުރިން ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރަށް އެންގުމަށް ތަސްނީމް ވިދާޅުވިއެވެ.މި އަހަރުގެ މިހާތަނަށް ފެނަށް ޖެހިގެން ޑިޒާސްޓަރ އަށް އަންގާފައިވަނީ 3 ރަށަކުންނެވެ. އެއީ ނ.ހޮޅުދޫ، ނ.މާޅެންދޫ އަދި ރ.އިންނަމާދޫ އެވެ. އެރަށްތަކަށް 10 ދުވަހުގެ ތެރޭގައި ޑިޒާސްޓާއިން ފެން ފޯރުކޮށްދީފައިވާ ކަމަށް ތަސްނީމް ވިދާޅުވިއެވެ. މިދިޔަ އަހަރު ރާއްޖޭގެ ހަތްދިހަ ހަތް ރަށަކަށް ޑިޒާސްޓާއިން ފެން ފޯރުކޮށްދީފައިވާއިރު އެކަމަށް 7.8 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ.