ޚަބަރު

މައްސަލަ ބޮޑު އާންމު ފާޚާނާތަކަށް ޙަލެއް ގެންނަނީ!


މާލޭގައި މިހާރުހުރި އާންމު ފާޚާނަތައް ބަންދުކުރުމަށްފަހު ރަނގަޅު ފެންވަރުގެ އެކަށީގެންވާ އާންމު ފާޚާނާތަކެއް ގާއިމްކުރުމަކީ އަމާޒެއްކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭގައި މިހާރު ހުރި ފައިސާ ދައްކައިގެން ބޭނުންކުރެވޭ ފާޚާނާތައް ހިންގަނީ 4 ސަރަހައްދެއްގައެވެ. އެއީ ބާޒާރު މަތި، އެމްއެމްއޭ ފުރަގަހުގައި ހުރި ފާޚާނާ ބަރިއާއި އައިފާން ބިލްޑިން ކައިރީގައި ހުންނަ ބޯފޮޅި ކެފޭގެ ތިރީގައާއި މާލޭގެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގެ ތާސީރު ކެފޭގެ ތިރީގައެވެ. މި ހަތަރު ސަރަހައްދުގައި ހުރި ފާޚާނާ ބަރިތަކަކީވެސް ސިޓީ ކައުންސިލުން ކުރިން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހިންގަން މަސައްކަތްކުރި ތަންތަނެވެ. މިތަންތަން އެފަރާތްތަކާ ޙަވާލުކުރީ މީގެ 11 އަހަރު ކުރިން، 2010ވަނަ އަހަރުގައެވެ. އޭގެ ފަހުން 2013ވަނަ އަހަރު މިކަމުގެ އެއްބަސްވުން އައުކޮށް 2025 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުކޮށްފައި ވެއެވެ.

ފައިސާ ދައްކައިގެން ބޭނުންކުރެވޭ ފާޚާނަތަކުގެ މައްސަލަ ބޮޑުވެ އެތަންތަން ބަންދުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައި މިވަނީ ކޯޓު މަރުހަލާއެއްގެ ދަށުންނެވެ. އެގޮތުން މިހާރު ތާސީރު ކޭފޭގައި ހުރިތަން ވަނީ ބަންދުކޮށްފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ އެހެން ފާޚާނަތައް ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. މޭޔަރު މުއިއްޒު ވިދާޅުވިގޮތުގައި ކައުންސިލްގެ ޕްލޭނަކީ އެތަންތަން ކައުންސިލްގެ ދަށުން ބަލަހައްޓާ ރަނގަޅުތަންތަނަށް ހެދުމެވެ.

އެގޮތުން މިހާރުވެސް އައު ފާޚާނާ އިމާރާތްކުރުމުގެ ޕްލޭނަކާއި ކުރެހުމެއް އެބަ އޮތްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ކައުންސިލްގެ ބެލުމުގެ ދަށަށް އެތަންތަން އައިހާ އަވަހަކަށް ސަރވޭ ހަދައި ތަފްސީލްކުރުމަށްފަހު ބަޔަކާ މަސައްކަތް ހަވާލުކުރަން ހުޅުވާލާނެ ކަމަށެވެ.

ފާޚާނާތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި މާލެ ސިޓީގެ މޭޔަރު ވިދާޅުވީ މިއީ އެތަންތަނުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ކުރަމުން އަންނަކަން އެނގިހުރެ މިހާތަނަށް އެއްވެސް އިދާރާއަކުން އެކަމާމެދު ފިޔަވަޅެއް އަޅާފައި ނުވުމުގެ ނަތީޖާކަމަށެވެ.

"ފާޚާނަ ޢިމާރާތްތަކުގެ އެބަހުރޭ ކުލީ ކޮޓަރި އިއުލާން. ކުރިން ރޭވެސް އަޅުގަނޑުމެންގެ މުވައްޒަފަކަށް އަޑު އިވުނީ އެތަނުގައި ލަވަ ޖަގާ ޑީޖޭކޮށް ޕާޓީ ކުރާ އަޑު. އެކަމަކު މީ ޕޭ ފާޚާނަ." މުއިއްޒު ވިދާޅުވިއެވެ.

މިހާރު ހިންގަމުން އަންނަ ފާޚާނާބަރިތަކުގެ ތެރެއިން، ދެތަނަކާއި އެއް އިމާރާތެއްގައި ހޮޓާ ހިންގަމުންދެއެވެ. ސިޓީ ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، އެ ކައުންސިލުގެ ހުއްދައާ އެކު، ފާޚާނާބަރި ހިންގާ އިމާރާތުގައި ވިޔަފާރި ކުރުމަކީ ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް އެގޮތަށް ވެސް ހިންގޭނީ ބޯކޮށުމާއި، ފާޚާނާއަށް ބޭނުންވާ ސާމާނު ވިއްކުން ފަދަ ވިޔަފާރިތަކެވެ.