ޚަބަރު

މަދަނީ އިޖުރާޢަތުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް


ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާއަށް ވަނުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް ޢަމާޒުކޮށްގެން މަދަނީ އިޖުރާޢަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާ ގުޅިގެން ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، މަދަނީ އިޖުރާޢަތުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ހިންގި ޕްރޮގްރާމެއްކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ.

ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ފަރާތުން މިތަމްރީނުގެ ސެޝަންތައް ނަގައިދީފައިވަނީ، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ޢަބްދުލްމަތީންއާއި، ކުރީގެ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދުއެވެ. މީގެއިތުރުން ސުޕްރީމް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ ރަޒާނާ އިބްރާހީމްވެސް މި ތަމްރީނުގައި ސެޝަން ނަގައިދީފައިވާކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަކީ، ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކުރާ ޤާނޫނެކެވެ.

16 ޖޫން 2022 ގައި އަމަލުކުރަން ފަށާފައިވާ މި ޤާނޫނުގެ މައިގަނޑު ބައިތަކުގެ މައްޗަށް ބައިވެރިން މި ވަރކްޝޮޕްގައި ތަމްރީނު ކުރެވިފައިކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ. އެއް ދުވަހުގެ މި މި ތަމްރީނުގައި 150 އަށްވުރެ ގިނަ ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާއަށް އަލަށް ގުޅުމަށް ތައްޔާރުވަމުންދާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާފައިވާއިރު، މާލެއިން ބޭރުގައި ދިރިއުޅުއްވާ ގާނޫނީ ވަކީލުންނަށާއި، ޤާނޫނީ ދާއިރާގެ ދަރިވަރުންނަށް އޮންލައިންކޮށް މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފައިކަމަށްވެސް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވިދާޅުވިއެވެ.