އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި، ބ.އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ބައްދަލުވުމެއް ބާއްވައިފިއެވެ.ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ، ހުކުރުދުވަހާ ހޮނިހިރު ދުވަހު އެމަރުކަޒުގައި ބޭއްވި މިބައްދަލުވުމުގައި ބ. އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެފައިވާކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ، މިބައްދަވުމުގެ މައިގަނޑު ބޭނުމަކީ 2017 ވަނަ އަހަރާ ހަމައަށް 5 މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުންކަމަށެވެ. މިފަދަ ކަންކަމާމެދު މަޝްވަރާކޮށް ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ސްކޫލްތަކުގެ ވެރިންނާ، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މިދިޔަ ނޮވެމްބަރުމަހުވެސް ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މިފަދަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ބ. އަތޮޅު ތަޢުލީމީ މަރުކަޒުން ބުނީ، މިފަދަ ބައްދަލުވުންތައް ދޭތެރެ ދޭތެރެއިން ބޭއްވުމުން އެއް ސްކޫލާއި، އަނެއް ސްކޫލާ ދެމެދު ހުންނަ ކިޔަވައިދިނުމުގެ ކަންކަން އެއްގޮތްކުރެވި، ނަތީޖާ ހާސިލްކުރުމުގައި ކުރިއެރުންތައް ފެންނަމުންދާކަމަށެވެ.