ތަޢުލީމު

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި


ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށް އަޅުއްވަން ހަމަޖެހިފައިވާ ހަތަރު ބުރީގެ އާ އިމާރާތުގެ މަސައްކަތް ފަށްޓަވައިފިއެވެ.އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމެވުމަށް އަމާޒުކުރައްވާފައިވާ މިމަސައްކަތް ފެއްޓެވީ، އިއްޔެއެވެ. ނުވަމިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްގެ މަސައްކަތް ޙަވާލުކުރައްވާފައި ވަނީ މާރިސް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިވަޑައިގެން ކުރިއަށް ގެންދަވާ “އެންހޭންސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަޅުއްވާ ހަތަރު ބުރީގެ މި ޢިމާރާތުގައި ބާރަ ކްލާސް ރޫމް ހިމެނެއެވެ. މިޢިމާރާތް ނިމި ބޭނުންކުރައްވަން ފެއްޓެވުމާއެކު ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވޭވަރުވާނެކަމަށް ބ.އަތޮޅު ތަޢުލީމީ މަރުކަޒުން ހާމަކުރައްވައެވެ.އަށްސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލްކުރަމުން އަންނަ ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަހަރު ނާސަރީން ފެށިގެން ގްރޭޑް ބާރައަށް ކިޔަވައިދެމުން ގެންދެއެވެ.