ރާއްޖޭގެ ރަށްތަކަކީ ތިމާވެށީގެ ނުރައްކަލަށް ހުށައެޅިފައިވާ ނާޒުކު ރަށްތަކެކެވެ. ރަށްރަށަށް ތަރައްޤީ ގެނައުމަށް ކުރަންޖެހޭ މަސައްކަތުގައި ކަށަވަރުކުރަންޖެހޭ އެންމެ މުހިންމުކަމަކީ އެރަށެއްގެ ނާޒުކު ވެއްޓާގުޅޭގޮތަކަށް މަޝްރޫޢުތައް ކުރިއަށްގެންދިޔުމެވެ. އެހެންނޫނަމަ ފެނިގެންދަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދޭން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެގެންދާތަނެވެ. ދައުލަތުންކުރާ ޚަރަދުތައް ދެކޮޅުނުޖެހި އަލުން ކުރިމަސައްކަތް ބޮޑުއަގު ދީގެން އަލުން ކުރަންޖެހޭތަނެވެ. މިގޮތުންވެސް ފާހަގަކުރެވޭ އެއް މަޝްރޫޢަކީ ގދ.މަޑަވެލި ހޯޑެއްދޫ ކޯޒްވޭގެ މައްސަލައެވެ.
ގދ.ހޯޑެއްދުއާއި އެއަތޮޅު މަޑަވެލި ކޯޒްވޭއަކުން ގުޅާލާފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. މަސައްކަތް ނިމި ބޭނުންކުރަން ފެށިތަނާ ކުރިމަތިވި މޫސުމީ ވިއްސާރާގައި ކޯޒްވޭއަށް ރާޅުއަރައި އެލޮނުގަނޑު ދެރަށުގެ ތެރެއަށް އެރުމުގެ ސަބަބުން ދެރަށަށްވެސް އެކިވަރުގެ ގެއްލުންވަނީ ވެފައެވެ. މިދެރަށުގެ ރައްޔިތުން މިޙާލެއްގައި އުޅޭތާ މިހާރުމިވަނީ 4 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ބަދަލުވެފައިވާ ރާއްޖޭގެ މޫސުމީ ވިއްސާރައިގެ ސަބަބުން އަހަރަކު އެތައްފަހަރަކު ކޯޒްވޭމަތިން ލޮނުގަނޑު އަރައިގެން ގެއްލުންވެއެވެ. މިހެންވާ ކޮންމެފަހަރަކު ދެރަށު މީހުން ނިކުމެ ކޯޒްވޭ ބުރިކޮށްލައެވެ. މިއީ މާލީ ބޮޑު ގެއްލުމެއް ދެރަށް ލިބެމުންދާ ބޮޑު ނުތަނަވަސްކަމެކެވެ.
ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ ކޯޒްވޭގެ މަސައްކަތް ކުރިން ކުރިއިރުވެސް ޕްލޭނެއް އޮތްކަމަށެވެ. އަދި އީއައިއޭވެސް ހެދިކަމަށެވެ. އެހެންނަމަވެސް ކޯޒްވޭ އޮތްގޮތުން ގެއްލުންވަމުންދާކަމަށެވެ.
"މިކޯޒްވޭ މީގެކުރިން ހެދުމަކީވެސް މިދެރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްގެގޮތުގައި އަޅުގަނޑު ދެކެނީ. އެންމެ އެދެވޭ ގޮތުގައި ނެތުމުން އޭގެ އުނދަގޫ ދެރަށުގެ ރައްޔިތުން އުފުލަމުންދާއިރު އަޅުގަނޑުކުރާ ވަރަށްބޮޑު އުންމީދެއް މިފަހަރުގެ މަސައްކަތް ނިމިގެންދާއިރު މިހާރު މިކުރިމަތިވާ މައްސަލަތައް ޙައްލުވެގެންދިޔުން." ފިޔާޒް ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅޭގޮތުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް ވިދާޅުވީ ކޯޒްވޭގެ ސަބަބުން ހަގީގަތުގައި ބޮޑު ފަސޭހަތަކެއް ދެރަށަށްވެސް ލިބިގެން ގޮސްފައިވާކަމަށެވެ. އެގޮތުން ޒަމާނުއްސުރެ ދެރަށުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ވަރުގަދަވީ ސަބަބެއްގެ ގޮތުގައި މިކޯޒްވޭ ވެފައިވާކަމަށް ވާރިޝް ވިދާޅުވިއެވެ.
"މަޑަވެއްޔަކީ ވަރަށް މަސްވެރިކަން ކުރާ ރަށެއް. ހޯޑެއްދޫއަކީ ދަނޑުވެރިކަންކުރާ ރަށެއް. އެހެންކަމުން އިޤްތިޞާދީ ވަރަށްބޮޑު ގުޅުމެއް މިދެރަށުގެ ދެމެދުގައި އަބަދުވެސް އޮވޭ. މިކޯޒްވޭއާއެކު އެތައް ލުއިފަސޭހަތަކެއް މިވަނީ ލިބިގެން ގޮސްފައި." ރައީސް ވިދާޅުވިއެވެ.
އެންމެފަހުން ރާއްޖެއަށްކުރި ވިއްސާރައިގައިވެސް އެންމެ ބޮޑު ގެއްލުމެއްވީ އެއްރަށަކީ ގދ.މަޑަވެލިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. އެގޮތުން އެރަށަށްވީ ގެއްލުމުން އަރައިގަތުމަށް ތިންލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.
ކޯޒްވޭއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ކޯޒްވޭގެ ސަބަބުން ލިބެމުންދާ މާލީ ގެއްލުމުން އަރައިގަތުމަށް މިދެރަށުގެ ޢާއްމުން ވަރަށް ބޮޑަށް އެދެމުންދާކަމަށެވެ.
"މިއީ އަސްލު ހަގީގަތުގައި ދެރަށުގެ ރައްޔިތުން އުފުލަމުންދާ ވަރަށް ބޮޑު ތަކުލީފެއް. މިވީ 4 އަހަރުތެރޭގައި ރައްޔިތުންމިތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި. ރާޅު އަރާނެ އިރެއް ނުވަތަ އެލިބޭ ގެއްލުމުން އަރައިގަންނާނެ ގޮތެއްވެސް ނޭނގިފަ ތިބީ. ކޯޒްވޭ ބްރިޖަކަށް ބަދަލުވެގެންދިޔުމަކީ މިސަރަޙައްދުގެ ރައްޔިތުން ނުހަނު އެދިއެދި ތިބިކަމެއް." ފިރުޝާން ވިދާޅުވިއެވެ.
މަޑަވެލި ހޯޑެއްދޫ ކޯޒްވޭއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ހޯޑެއްދޫއަށް ނިސްބަތްވާ މީހަކުވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފައެވެ.
" ކޯޒްވޭއަށް ލޮނުގަނޑު އެދުވަހު އެރިދުވަހު އަޅުގަނޑަށް ހުރެވުނީ ކޯޒްވޭ މަތީގައި. ދުއްވަމުންދިޔަ އުޅަނދުވެސް ދޫކޮށްލާފައި ދުއްވައިގަނެވުނީ. ހިތަށް އެރި ސަލާމަތްވާނެބާއޭވެސް." އޭނާ ބުންޏެވެ.
ހޯޑެއްދޫ މަޑަވެލި ކޯޒްވޭގެ މައްސަލަ ޙައްލުކޮށް އެސަރަޙައްދުގައި ޒަމާނީ ބްރިޖެއް ހެދުމުގެ މަސައްކަތް މިހާރުވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލުކޮށްފައެވެ. މިމަސައްކަތާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން މިމަސައްކަތް މިހާރު ކުރަނީ ޒަމާނީ ގޮތަކަށް ކަމަށެވެ. އެގޮތުން ކޯޒްވޭއެއްގެ ބަދަލުގައި މިހާރު ތަރައްޤީކުރާނީ ބްރިޖެއްކަމަށް އާޒިމް ވިދާޅުވިއެވެ.
"ކުރިން ގުޅާލާފައި އޮތީ 2 ރަށް. އަޅުގަނޑުމެންގެ މަސައްކަތް ނިމިގެންދާއިރު މިސަރަޙައްދުގެ 4 ރަށެއް ގުޅާލާފަ އޮންނާނީ. އޭގެ ސަބަބުން ދެރަށަށްވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ." އާޒިމް ވިދާޅުވިއެވެ.
ހޯޑެއްދޫ މަޑަވެލި ބްރިޖްގެ މަސައްކަތުގެ ދަށުން 2544 އަކަމީޓަރުގެ ސަރަޙައްދެއްގައި ބްރިޖް ސެގްމަންޓް ކޮންކްރީޓުން ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 3144 އަކަމީޓަރުގެ ސަރަޙައްދެއްގެ މަގުގައި ސަބްބޭސް ހަދައި ތާރުއެޅުމަށްވެސްވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 84.17 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަސައްކަތް ނިމިގެންދާއިރު ހޯޑެއްދޫ މަޑަވެއްޔާއެކު ހޯޑެއްދޫގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށަކާއި މަޑެވލި ހޯޑެއްދޫ ދެރަށުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ އިތުރު ފަޅުރަށަކާއެކު ޖުމްލަ 4 ރަށް ބްރިޖަކުން ގުޅާލާނެއެވެ.