ޚަބަރު

"މަނިކޭ މަގޭ ހިތޭ" މިފަހަރު ހިންދީ ބަހުން، ލަވަ މިއަދު ރިލީޒްކުރަނީ


ސިންހަޅަ ބަހުން ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" އަކީ މިފަހުން ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވެގެންދިޔަ އެއް ލަވައެވެ. ޓިކްޓޮކުގައި ގިނަ ބަޔަކު މި ލަވައަށް އެކްޓްކޮށް ވީޑިއޯ ޕޯސްޓްކޮށްފައިވާއިރު، މިއީ ދިވެހިންގެ ތެރޭގައިވެސް ވަރަށް ބޮޑަށް ވައިގައި ހިފި ލަވައެކެވެ.

"މަނިކޭ މަގޭ ހިތޭ" ލަވައިގެ އޮރިޖިނަލް ލަވަ ރިލީޒްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. އޮރިޖިނަލް ލަވަ ކިޔާފައިވަނީ ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ ސަތީޝަން ރަތުނަޔާކައެވެ.

ނަމަވެސް މި ލަވަ އެންމެ ބޮޑަށް މަޤުބޫލުވެގެންދިޔައީ 2021 ވަނަ އަހަރު ސަތީޝަން ރަތުނަޔަކާއެކު ޔޮހާނީ ކިޔާފައިވާ ކަވަރ ވަރޝަން ޔޫޓިއުބަށް ދޫކޮށްލި ހިސާބުންނެވެ. ޔޮހާނީގެ ކަވަރ ވަރޝަނަށް މިހާތަނަށް 223 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. އެފަހުން ތަފާތު އާޓިސްޓުން މި ލަވައިގެ ކަވަރ ވަރޝަންތައް ހަދާފައިވެއެވެ.

މިފަހަރު މިއޮތީ މި ލަވައިގެ ހިންދީ ވަރޝަނެވެ. "މަނިކޭ މަގޭ ހިތޭ"ގެ ހިންދީ ވަރޝަން ހިމަނާފައިވަނީ އަޖޭ ދޭވްގަންގެ ކުރިއަށްއޮތް ފެންޓަސީ ކޮމެޑީ ފިލްމު "ތޭންކް ގޯޑް"ގައެވެ. ލަވައިގެ ހިންދީ ވަރޝަން ކިޔާފައިވަނީ ޔޮހާނީއާއި މިހާރު އިންޑިއާގައި އަރަމުން އަންނަ ތަރި ޖުބިން ނައުޓިޔަލާއި ސޫރިޔާ ރަގުންނަތާނެވެ. ލަވައިގެ ވީޑިއޯއިން ފެނިގެންދާނީ ނޯރާ ފަތޭހީއާއި ސިދާތު މަލޯތްރާއެވެ.

ލަވައިގެ ޓީޒާރއެއް ޓީ-ސީރީޒުން ދޫކޮށްލުމާއެކު ނޯރާއާއި ސިދާތުގެ ފޭނުން ތިބީ މި ލަވަ ބަލާލުމަށް ކެތްމަދުވެފައެވެ. މިއީ މި 2 ތަރިން އެކުގައި ފެނިގެންދާނެ ދެވަނަ ލަވައެވެ. ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަދު 11 ޖަހާއިރުއެވެ.


ނޯރާއާއި ސިދާތު އެންމެ ފުރަތަމަ އެކުގައި ފެނިގެންގޮސްފައިވަނީ 2019 ވަނަ އަހަރު ރިލީޒްކުރި ސިދާތާއި ތާރާ ސުތާރީއާއެކުގައި ފެނުނު "މަރުޖާވާން"ގައި ހިމެނޭ އައިޓަމް ސޯންގް "އެކް ތޯ ކަމް ޒިންދަގާނީ" އިންނެވެ. މި ލަވަވެސް ގިނަ ބަޔަކަށް ކަމުގޮސްފައިވެއެވެ.

އަޖޭގެ ކުރިއަށް އޮތް ފިލްމް "ތޭންކް ގޯޑް" ސިނަމާތަކަށް އަންނަނީ އަންނަމަހުގެ 24 ގައެވެ. މި ފިލްމުގައި އަޖޭގެ އިތުރުން، ސިދާތާއި، ރާކުލް ޕްރީތު ސިންގާއި، ނޯރާ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.