ޚަބަރު

"ކޮފީ ވިތު ކަރަން" އަށް ގޯރީ ޚާން


މިދިޔަ ޖުލައި މަހުގެ ޕްރިމިއާކުރި ކަރަން ޖޯހަރުގެ ސެލެބްރިޓީ ޗެޓް ޝޯވ "ކޮފީ ވިތު ކަރަން" ގެ 7 ވަނަ ސީޒަންގައި ބޮލީވުޑް ތަރި ޝާހުރުކްޚާންގެ އަންހެނުން ގޯރީ ޚާން ބައިވެރިވާނެ ކަމަށް އޭނާ ކަށަވަރުކޮށްދީފިއެވެ.

ގޯރީ ބައިވެރިވި ނަމަވެސް ޝާހު އޭނާއާއެކު ޝޯވގައި ބައިވެރިއެއް ނުވާނެއެވެ.

އޭނާއާ އެކު ޝޯވއިން ފެންނާނީ ކަރަންގެ ދަރުމެޓިކް އެންޓަޓެއިންމަންޓްއިން އުފައްދާ، ނެޓްފްލިކްސްއިން ގެނެސްދޭ "ފޭބުއަލް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ ކާސްޓެވެ. އެއީ ޗަންކީ ޕާންޑޭގެ އަންހެނުން ބަވާނާ ޕާންޑޭ، ސަލްމާން ޚާންގެ ކޮއްކޮ ސުހައިލް ޚާންގެ ކުރީގެ އަންހެނުން ސީމާ ސަޗްދޭވް، އެކްޓަރު ޗަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރު އަދި އެކްޓަރު ސަމީރު ސޯނީގެ އަންހެނުން އަދި ކުރީގެ ބޮލީވުޑް ތަރި ނީލަމް ކޮތަރީ ސޯނީއެވެ.

މިއީ މި ޝޯވގައި ގޯރީ ބައިވެރިވާ 2 ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ފެނިފައިވަނީ ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުސާން ޚާން އާއި ފިރިމީހާ ޝާހުއާއެކުގައެވެ. އަނެއްކޮޅުން މިއީ މަހީޕް، ސީމާ، ނީލަމް، އަދި ބަވާނާ މި ޝޯވގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ބައިވެރިންނަކީ ރަންވީރު ސިންގާއި އާލިއާ ބަޓްއެވެ. މީގެ އިތުރުން ބޮލީވުޑްގެ އޭ ލިސްޓުގައި ހިމެނޭ މަޝްހޫރު ތަރިންނާއި، އަރަމުން އަންނަ ގިނަ ތަރިންތަކެއްވެސް މިފަހަރުގެ ސީޒަންގެ އެޕިސޯޑްތަކުން ފެނިފައިވެއެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރު، އަނަންޔާ ޕަންޑޭ، ކިއާރާ އަދްވާނީ، ޝާހިދު ކަޕޫރު، ވިކީ ކައުޝަލް، ސިދާތު މަލްހޯޓްރާ، ކެޓްރީނާ ކައިފް، ކަރީނާ ކަޕޫރު ޚާން، ސޯނަމް ކަޕޫރު، ޖާންވީ ކަޕޫރު އަދި ސާރާ އަލީ ޚާން މިފަހަރުގެ ސީޒަންގެ އެޕިސޯޑުތަކުގައި ބައިވެރިވެފައެވެ.

ކަރަންގެ ޝޯވގައި ގޯރީ ބައިވެރިވާން ނިންމާފައިވާއިރު، އެ އެޕިސޯޑް ވަރަށް ޝަޢުގުވެރި އެޕިސޯޑަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. ސަބަބަކީ ގޯރީއާއި ކަރަންއަކީ ވަރަށް ޒަމާންވީ ދެ އެކުވެރިންކަމަށްވެފައި، މި ދެ މީހުންގެ ގުޅުމާބެހޭ ވާހަކަތަކެއް އެނގިގެންދާނެތީއެވެ.

ގޯރީ ހޯސްޓްކޮށްދޭ ޝޯވއެއް މިރްޗީ ޕްލަސް އެޕުން މިއަދު ޕްރީމިއާކުރަންވެސް ވަނީ ނިންމާފައެވެ. މި ޝޯވގެ ޕްރޮމޯއެއްވެސް ދައްކަމުން އަންނަ އިރު، މިއީ އިންޓީރިއާ ޑިޒައިނިންއާ ގުޅޭ ގޮތުން ގޯރީ ހޯސްޓްކުރާ ޝޯއެކެވެ.

"ޑްރީމް ހޯމްސް" ގެ ނަމުގައި ގެނެސްދޭ މި ޝޯވގައި އިންޓީރިއަރ ޑިޒައިނިންއާ ބެހޭ ގޮތުން ގޯރީ ގިނަ ވާހަކަތައް ގެނެސްދޭނެ އެވެ. އަދި އޭނަގެ ޝޯވގައި މަޝްހޫރު ސެލެބްރިޓީންތަކެއް ވެސް ބައިވެރިވާނެ އެވެ.

މީގެ އިތުރުން ކަރަންގެ "ފޭބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ދެވަނަ ސީޒަނުގައި ވެސް ގައުރީ ވަނީ ބައިވެރިންނަށް ސަޕޯޓް ކުރުމުގެ ގޮތުން ޚާއްސަ ފެނިލުމެއް ފެނިލާފައެވެ.