ކުޅިވަރު

އިންޓަ ސްކޫލް ބެޑްމިންޓަން: މުޅި ރާއްޖޭގެ ޗެމްޕިއަނުންގެ މެދުގައި މުބާރާތެއް ބާއްވަނީ


ރާއްޖޭގެ އެކި ޒޯނުތަކަށް ބަހާލައިގެން ކުރިއަށްދާ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ޒޯނުތަކުގެ ޗެމްޕިއަން ޓީމުތަކުގެ މެދުގައި ބޮޑު މުބާރާތެއް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ނިންމައިފިއެވެ.

އިންޓަ ސްކޫލް މުބާރާތް ކުރިއަށްދަނީ މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެއީ ސައުތު، ސައުތު ސެންޓްރަލް، ނޯތު، ނޯތު ސެންޓްރަލް، މާލެ އަދި ސެންޓްރަލް އެވެ. ނަމަވެސް މުބާރާތް ކުރިއަށްދަނީ ތިން ޒޯނެއްގައެވެ. އެއީ އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން ނ. ހޮޅުދޫގައެވެ.

މިހާތަނަށް އައްޑޫ ސިޓީގައި ސައުތު އަދި ސައުތު ސެންޓްރަލް ޒޯނުގެ މުބާރާތް ވަނީ ބާއްވާފައެވެ. ޖުމްލަ 530 ކުދިން އެ މުބާރާތުގައި ބައިވެރިވިއިރު، މުބާރާތް ކުރިޔަށްދިޔައީ އޯޕަންސް އަދި ޓީމު އިވެންޓުތަކަށް ބަހާލައިގެންނެވެ. ތިން ޒޯނުގެ ކުޅުންތެރިންނަށްވެސް އޯޕަންސް ބައިގައި ވާދަކުރެވޭއިރު، ޓީމު ބައިގައި ވާދަކުރެވޭނީ އެ ޒޯނެއްގައެވެ. އެގޮތުން އައްޑޫގައި ކުރިޔަށްދިޔަ މުބާރާތުގައި ވެސް މާލެ ސަރަހައްދުން ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

އެއަށްފަހު މާލޭ ޒޯނުގެ ކުޅުން މިހާރު ވަނީ ފަށާފައެވެ. ޖުމްލަ 500 އަށްވުރެ ގިނަ ކުދިން މާލޭ ޒޯނުގެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. އެއަށްފަހު ނ. ހޮޅުދޫގައި ބާއްވާ މުބާރާތުގައި ވެސް 300 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އެހެންކަމުން މުޅި ރާއްޖެ އެއްކޮށް 1300 އަށްވުރެ ގިނަ ކުދިން މިފަހަރުގެ އިންޓަސްކޫލް މުބާރާތުގައި ވާދަކުރާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ޓީވީއެމްގެ "ސާބަސް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ބެޑްމިންޓަން އެސޯސިއޭޝަނުގެ ޑިވެލޮޕްމަންޓް އޮފިސަރު އަޙްމަދު އިޔާދު ވިދާޅުވީ މި މުބާރާތް ބޭއްވުމަށް މަސައްކަތްކުރަނީ ތިން ޒޯނުގެ ކުޅުން ނިމުމާއެކު ދެވަނަ ޓާމްގެ ތެރޭގައި އެ މުބާރާތް ކުޅުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އަދި މި މުބާރާތަށް ހުރިހާ ޒޯނެއްގެ ޗެމްޕިއަނުންނަށް ދައުވަތު ދެވޭނެކަމަށާއި މުބާރާތުގެ އުމުރުފުރާތަށް ބަހާލާފައިވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ކީ ސްޓޭޖުތަކަށް ބަލައިގެން ކަމަށްވެސް އިޔާދު ވިދާޅުވިއެވެ.

އިންޓަ ސްކޫލް މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން މުބާރާތް މެދުކެނޑުނުއިރު އެސޯސިއޭޝަނުގެ އަމާޒަކީ މި މުބާރާތުގެ ތެރެއިން މުޅި ރާއްޖޭން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނާއެކު ރަނގަޅު ތަމްރީނުތަކާއެކު މުސްތަޤްބަލަށް ވަރުގަދަ ޓީމެއް އުފެއްދުމެވެ.