ޚަބަރު

ހައި ސްޕީޑް ފެރީގެ ޚިދުމަށް އިތުރު 65 ފެރީ ބަނުމަށް އަލްޝާލި މެރިންއަށް


ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތް އަލްޝާލީ މެރިންއާއި ޙަވާލުކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީއެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ހައި ސްޕީޑު ފެރީ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ޒޯން އެކެއްގެ ހުރިހާ ރަށެއް މިހާރުވަނީ ހައިސްޕީޑް ފެރީން ގުޅާލާފައެވެ. މިމަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޚިދުމަތަށް ބޭނުންވާ 65 ފެރީ ބަނުމަށް އަލްޝާލީއާއި މިހާރުވަނީ ޙަވާލުކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 536 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިމަސައްކަތް އަލްޝާލީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ ދެއަހަރު ދުވަހަށް އަމާޒުކޮށްގެންކުރިއަށްގެންދާ މަޝްރޫޢެއް ނަމަވެސް އެމްޓީސީސީގެ އަމާޒަކީ މިމަސައްކަތް އެއަށްވުރެ އަވަހަށް ނިންމާލުންކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 10 ވަރަކަށް އަތޮޅު ގުޅާލެވޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާޒިމްވަނީ ލަފާކުރައްވާފައެވެ.

"މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލެވޭފަދަ ބްރިޖެއްގެ މަސައްކަތް އެމްޓީސީސީއިން މިކުރަނީ. ސަރުކާރާއި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ ޚިދުމަތް ވީއެންމެ ފުރިހަމަ ގޮތެއްގައި އަވަސް ސްޕީޑެއްގައި ނިންމާލާނެކަމުގެ ޔަގީންކަން." އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުންވަނީ 17 ފެރީ ބަނދެފައެވެ. އެއީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މިފެރީތައް އަންނަނީ މިހާރު ޒޯން އެކެއްގައި ހިމެނޭ ހއ.އަތޮޅާއި ހދ.އަތޮޅާއި އަދި ށ.އަތޮޅުގައި އަންނަނީ ޚިދުމަތް ދެމުންނެވެ.

އެމްޓީސީސީއިން އަންނީ ޒޯން ދޭއް އަދި ތިނެއްގައި ހިމެނޭ އަތޮޅުތަކުގައި ޤާއިމުކުރަންޖެހޭ ފެރީ ސްޓޮޕްތައް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. ހައި ސްޕީޑު ފެރީއަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. މީގެކުރިން އަގު ބޮޑުކޮށް އަތޮޅުތެރޭގެ އެއްރަށުން އަނެއް ރަށަށް ކަނޑު މަގުން ކުރި ދަތުރުތަކުގެ އަގު 30 ރުފިޔާއާއި 150 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި އަންނަނީ ކުރަމުންނެވެ.