އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތައް ހުއްޓުންއަރާފައިވާ ކަމުގައި ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެއެވެ. އަމަލު ކުރުން ހުއްޓައިލާފައިވާ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމަށް އަލުން ރުޖޫޢަވުމާ ގުޅޭ ގޮތުން އީރާނުން ދަނީ ނުރަސްމީ ހައިސިއްޔަތެއްގައި އެމެރިކާއާ މަޝްވަރާ ކުރަމުންނެވެ.
މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ ވިލާތުގެ އިއްތިހާދުންނެވެ. ފާއިތުވި މަސްތަކުގެ ތެރޭގައި މަޝްވަރާތަކަށް ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވެއެވެ. އަދި، އެއްބަސްވުމުގެ ދެލި ކޮޕީގައި ހިމެނޭ ގިނަ ކަންކަމަށް އީރާނުން ވަނީ އާނބަސް ބުނެފައެވެ.
އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ކޮންޓްރޯލް ކުރުމަށް 2015ވަނަ އަހަރު ހުޅަނގުން އެކުލަވައިލި އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާފައި ވަނީ އެމެރިކާއިންނެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018ވަނަ އަހަރުއެވެ. އެއްބަސްވުން ރޫޅުމާ އެކު އީރާނުން ވަނީ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ހަލުވިކޮށްފައެވެ. މީގެ އިތުރުން، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައި.އޭ.އީ.އޭ)އިން އީރާނުގެ ނިއުކްލިޔަރ ކަންކަމާ ގުޅޭ ދިރާސާތައް ހިންގާ މަރުކަޒުތަކުގައި ހަރުކޮށްފައިވާ ކެމެރާތައް ވެސް ނިއްވައިލާފައެވެ.
"މަޝްވަރާތަކަށް މިހާރު އޮތީ ހުއްޓުން އަރާފައި. މި ކަމުގެ ފަހަތުގައި އެކިއެކި ސަބަބުތައް އެބަހުރި. އެމެރިކާގެ ސިޔާސީ މަސްރަޙާއި އީރާނުގެ އައު ހުށަހެޅުންތަކެއް ވެސް ހިމެނޭ. މަޝްވަރާތަކާ އެކު ކުރިއަށްދާނެ މަގު މިހާރު އޮތީ ބަންދުވެފައި،" ބޮރެލް ވިދާޅުވިއެވެ. އެމެރިކާއިން މިހާރު ދަނީ އެ ޤައުމުގެ ރިޔާސީ ދައުރުގެ މެދުތެރޭގައި ބާއްވާ އިންތިޚާބަށް ތައްޔާރުވަމުންނެވެ.
ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް އީރާނުން މީގެ ކުރިން ކުރިއަށް ގެންގޮސްފައި ނުވާ ތިން މަރުކަޒަކުން ޔުރޭނިއަމްގެ އަސަރު ފެނުމުން، އައި.އޭ.އީ.އޭ.އިން ވަނީ އައު ތަހުޤީޤެއް ފަށާފައެވެ. އީރާނުން މިހާރު ޑިމާންޑު ކުރަމުން ދަނީ އެ ތަހުޤީޤުތައް ހުއްޓައިލުމަށެވެ.
އެމެރިކާގެ އިތުރުން އީރާނާ އެކު ހަދާފައިވާ އެއްބަސްވުމުގެ އަނެއް ބައިވެރިންނަކީ އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ޖަރުމަނު ވިލާތެވެ. އެ ޤައުމުތަކުން ވެސް ހުސްވި ހަފުތާގައި ވަނީ އީރާނަށް ފާޑުކިޔުންތައް އަމާޒު ކޮށްފައެވެ. އަދި، މި ކަމަށް ދޭންވާ މިންވަރަށް އެއްބާރުލުން ނުދޭ ކަމަށް ތުހުމަތު ކޮށްފައެވެ.
"މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް އަހަރެންގެ ފަރާތުން ހުށަހަޅާނެ އިތުރު ކަމެއް ނެތް،" ބޮރެލް ވިދާޅުވިއެވެ.