ޢުރުދުންގެ ވެރިރަށް ޢައްމާނުގައި ޢިމާރާތެއް ވެއްޓި، ޢިމާރާތުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ ޢައްމާނުގެ ވަބްދާ ޑިސްޓްރިކްޓުގައެވެ. މި ހާދިސާގައި 25 އަށްވުރެ ގިނަ މީހުން ޢިމާރާތުގެ ދަށުވިއެވެ.
ޢިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ޢުރުދުންގެ އޮފިޝަލުން ދަނީ ހުއްޓައިނުލައި މަސައްކަތް ކުރަމުންނެވެ. މިހާރު ވެސް 12 މީހަކު ސަލާމަތް ކުރެވިފައިވާ ކަމުގައި އޮފިޝަލުން ބުނެއެވެ. ވެއްޓިފައިވާ ކޮންކްރީޓާއި ގައުކުނޑީގެ އިތުރުން ފުރާޅުގެ ބައިތަކުގެ ދަށުވި މީހުންނަށް ބޮޑެތި އަނިޔާތައް ލިބުނެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 350 އަށްވުރެ ގިނަ އޮފިޝަލުން މަސައްކަތް ކުރަމުން ދާއިރު، ޢިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ދިރިތިއްބާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމުގައި އޮފިޝަލުން ބުނެއެވެ. ޢިމާރާތުގެ ދަށުން އެންމެ ފަހުން ސަލާމަތް ކޮށްގެން ނެރެފައި ވަނީ ފަސް މަހުގެ ތުއްތު ކުއްޖެކެވެ. އެ ކުއްޖާގެ ހާލު ރަނގަޅެވެ.
ޢިމާރާތް ވެއްޓެން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، މަރާމާތު ކުރުމުގެ ކަންކަމަށް ފަރުވާ ކުޑަ ކުރުމެވެ. މި ހާދިސާއާ ގުޅިގެން ޢުރުދުންގެ ބޮޑުވަޒީރު ބިޝަރް އަލް ޚަސަވްނީ ވަނީ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އަންގަވާފައެވެ.
ޢުރުދުންގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެސް ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤެއް ފަށާފައެވެ. މި ހާދިސާގެ އެއް ދުވަސް ކުރިން ޢިމާރާތުގެ އެތެރޭގައި ތޮރުފުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައި އެ އޮފީހުން ބުނެއެވެ.