ޚަބަރު

ރައީސް ޔާމިން، އީޔޫގެ ވަފްދާ ބައްދަލުކުރައްވައިފި


މިއަދު ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ޔޫރަޕިއަން ޕާލިމަންޓްގެ ވަފްދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންވަނީ ރާއްޖޭގެ ސިޔާސީ މަޞްރަޙުގައި މިހާރު ހިންގަމުންދާ ކަންތައްތަކުގެ މަޢުލޫމާތު އީޔޫ ޕާލިމަންޓްގެ ވަފްދާއި ޙިއްސާ ކުރައްވާފައެވެ. އަދި ރާއްޖޭގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރާ، ކޮރަޕްޝަންގެ މައްސަލަތަކާއި ބެހޭ ގޮތުންވެސް ރައީސް ވަނީ އީޔޫ ޕާލިމަންޓްގެ ވަފުދަށް މަޢުލޫމާތު ދެއްވާފައެވެ. މީގެއިތުރުން އީޔޫ ޕާލިމަންޓާއެކު އޮތް ގާތްގުޅުން އެގޮތުގައި ދެމެހެއްޓެވުމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ އީޔޫ ޕާލިމަންޓްރީ ވަފްދުގައި ޔޫރަޕިއަން ޕާލިމަންޓްގެ މެންބަރ ޖޯން ލަމްބާރޓް، އީޔޫ މިޝަންގެ މެންބަރު އަދި ޔޫރަޕިއަން ޕާލިމަންޓް ވަފްދުގެ މެމްބަރު ޕޯލް ގޮޑްފްރީ އަދި އީޔޫ ސެކްރެޓަރިއެޓް އަދި ޔޫރަޕިއަން ޕާލިމަންޓް ވަފްދުގެ މެމްބަރު ކްރިސްޓިން އަރޕް ހިމެނިވަޑައިގެންވައެވެ.