ޚަބަރު

ކާޖޮލް މިފަހަރު ފެންނާނީ ލޯޔަރެއްގެ ރޯލުން


އެމެރިކަން ސީރިޒް "ދަ ގުޑް ވައިފް" އަސްލަކަށް ބަލައިގެން އުފައްދާ ހިންދީ ސީރީޒްއަށް ބޮލީވުޑް ބަތަލާ ކާޖޮލް ސޮއި ކުރި ވާހަކަ މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް އޭރު ކާޖޮލް ކުޅޭ ރޯލާއި ބެހޭ އެއްވެސް ތަފްސީލެއް ނުދެއެވެ. މި ސީރީޒްގައި ކާޖޮލް ފެނިގެންދާނީ މައްސަލައިގައި އޭނާގެ ފިރިމީހާ ޖަލަށްލުމުން ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ހައުސް ވައިފް އެއްގެ ގޮތުގައެވެ.

މިއީ ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒެވެ. ސީރީޒްގެ ޓީޒާއެއް މިދިޔަ ބުރާސްފަތި ދުވަހު އާއްމުންނަށް ދޫކޮށްލުމާއެކު، މި ސީރީޒަށް ކާޖޮލްގެ ފޭނުން ތިބީ ކެތްމަދުވެފައެވެ. ސަބަބަކީ އަހަރުތަކަކަށްފަހު މިހާ ތަފާތު ރޯލަކުން އޭނާ ފެނިގެންދާތީއެވެ.

މީގެ ޕްރޮޑަކްޝަން މަސައްކަތް މިހާރު ކުރަމުންދާއިރު، މީގެ 30 ސިކުންތުގެ ކުރު ޓީޒާވެސް ވަނީ ދައްކާލާފައެވެ. ޓީޒާއިން ފެންނަނީ ކާޖޮލް ކަޅު ހެދުމެއް އަޅައިގެން ކޯޓު ރޫމަށް ވަންނަން ހިނގައިގަންނަ މަންޒަރެވެ.

"ދަ ގުޑް ވައިފް" ޑައިރެކްޓްކޮށްފައި ވަނީ ސުޕާން ވަރްމާ އެވެ. ޖޫލިއަން މާގިއުލިސް ލީޑް ރޯލް ކުޅުނު "ދަ ގުޑް ވައިފް" ގެނެސް ދިނީ 2009-2016 އަށެވެ. އެ މުއްދަތުގެ ތެރޭގައި މި ސިލްސިލާގެ 7 ސީޒަން ޖުމްލަ 156 އެޕިސޯޑާއެކު ގެނެސް ދިނެވެ.

ކާޖޮލް ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ރެވަތީ ޑައިރެކްޓްކުރާ ސަލާމް ވެންކީ" އިންނެވެ. މީގައި ކާޖޮލް ގެ އިތުރުން އާހާނާ ކުމްރާ އާއި ވިޝާލް ޖެތްވާވެސް ފެނިގެންދާނެއެވެ.