ޚަބަރު

މާލެ ތަރައްޤީކުރުމަކީ އަތޮޅުތެރޭގެ ތަރައްޤީއަށް އޮތް ހުރަހެއް ނޫން: ރައީސް


މާލެއަށް ގެންނަމުންދާ ތަރައްޤީއަކީ މުޅި ރާއްޖެ ޖަޒީރާ ވަންތަ ރާއްޖެއެއް ގޮތުގައި ތަރައްޤީކުރުމަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީ ގަމުގައި ކާމިޔާބުކަމާއެކު ނިންމާލި ވިއަވަތި ރާއްޖެ ކޮންފަރެންސަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ ރާއްޖެއަކީ ޖަޒީރާ ވަންތަ ރާއްޖެއެއްގެގޮތުގައި ދަމަހައްޓާ، ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ކުޑަވާނެގޮތަށް މަޝްރޫޢުތައް ހިންގުމުގެ ވަޢުދާއެކުއެވެ. ޒަމާނުއްސުރެ މާލެއަށް މީހުން ހިޖުރަކުރާ ކުރުން ހުއްޓުވާ، ރާއްޖޭގެ އަތޮޅުތަކުގައި އަސާސީ ޚިދުމަތްތައް ފުޅާކުރުމުގެ ވަޢުދާއެކުއެވެ. އެގޮތުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ 70 އިންސައްތަ ރަށުގައި ފެނާއި ނަރުދަމާ ޤާއިމްވެފައި ނެތްކަން ސަރުކާރުން ފާހަގަކުރެއެވެ. ނަމަވެސް އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކޮށް، އަތޮޅުތެރޭގެ ސިއްޙީ ނިޒާމް ކުރިއަރުވާ، ތަޢުލީމް ފުޅާކުރުމަށް ސަރުކާރުން ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރުމުގެ ބޭނުމަކީ މާލެ ސަރަހައްދަށް އޮތް ތޮއްޖެހުން ކުޑަކުރުމެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ގެންދަވަނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢު މާލެ ސަރަހައްދުގައި ކުރިއަށް ގެންދަމުންނެވެ. ނަމަވެސް މިއީ މާލެ ސަރަހއްދުގައި ހިންގާ ހައުސިން މަޝްރޫއުތަކާއި ބްރިޖް މަޝްރޫޢުތައް ހިންގަނީ އަތޮޅުތަކުން މާލެ ސަރަހައްދަށް މީހުން ގެނައުމަށްކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.


އެ ވާހަކަތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ޒަމާނުއްސުރެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން މާލެއަށް ހިޖުރަކުރަން ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންނަށް މަޖުބޫރުވެފައިވާކަމެވެ. ރައީސް ވިދާޅުވީ، ދެކުނުގެ ރަށްތަކަށް ބެލިނަމަވެސް ބޮޑެތި އިޤްތިޞާދުތައް ހުރި ރަށް ރަށް ހުރިކަމަށާއި، އަމިއްލަ ފުދުންތެރިކަމާއެކު ކޮންމެހެން މާލެއަށް ދާންޖެހޭ ބައެއް ކަންކަން ފިޔަވައި އެހެން ޚިދުމަތްތައް ލިބޭގޮތަށް ހުރި ރަށްރަށްވެސް އެ ސަރަހައްދުގައި އެބަހުރިކަމަށެވެ. ނަމަވެސް ސިޔާސަތަށް ގެނައި ބަދަލެއްގެ ސަބަބުން އެކަން ބަދަލުވެގެން ދިޔައީކަމަށް ރައީސް ވިދާޅުވިއެވެ.

"ހުރެދާނެ ސިޔާސީ މަޤްޞަދުތަކެއްވެސް. ބައެއް ވެރިން ކަންތައްތައް ކުރައްވާގޮތެއް ރައްޔިތުން ކޮންޓްރޯލްކޮށް ބާރުގެ ދަށުގައި ބޭތިއްބުމަށްޓަކައި އެބަހުރި ސިޔާސަތުތަކަށް ބަދަލު އެޒަމާނުގައި ގެނެސްފަ. އޭރަކު ނޯންނާނެ ކޮމިއުނިކޭޝަނެއް މިހެންނެއް ރަށްރަށް ދަތުރުކުރެވޭކަށް. އެހެންވީމަ ދުރު ރަށްރަށުގައި ހިނގާ ކަންކަން ބަލައި ބެލެހެއްޓުން އެއީ މައްސަލައަކަށްވެސް ވެފައި ބައެއްފަހަރު އެބަހުރި. އެނގިވަޑައިގަންނަވާނެ ދެކުނުގައި ހިނގި ހަމަނުޖެހުން. އެހެންވީމަ އެއާއެކު އެއްތަނަކަށް މަރުކަޒުކުރުމުގެ ވިސްނުމެއް ސަރުކާރުތަކުގައި ގެންގުޅެފަ އެބަހުރި. ދެން މާލެއަށް ހައްލެއް ހޯދަން އެބަޖެހޭ."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މާލޭގައި މިހާރު ދިރިއުޅޭ މީހުންނަށް ރަނގަޅު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކެއް ހެދުމަށްޓަކައި ގެދޮރުވެރިކަން މާލޭގައި އޮންނަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މަގުތަކުގައި ތޮއްޖެހުމަށް ހައްލުތަކެއް ހޯދަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މާލެއަށް ގެނެވޭ ތަރައްޤީގެ މަޝްރޫޢުތަކަކީވެސް މުޅި ރާއްޖެ ޖަޒީރާ ވަންތަ ރާއްޖެއެއް ގޮތުގައި ތަރައްޤީކުރުމަށް އޮތް ހުރަހެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. އެއީ ބޭނުންތެރި މަޝްރޫޢުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންވެސް ޖެހޭކަމަށާއި، އެއީ ދުރު ރާސްތާގައި އެކަމުގެ ފައިދާތަކެއް ފެންނާނެކަމެއްކަމަށް ރައީސް ސިފަކުރެއްވިއެވެ.

"މިއަދު އަދި އަޅުގަނޑުމެންނަކަށް ނުހުއްޓުވޭ މާލެއަށް ހިޖުރަކުރުމަށް މާލެއަށް މިއޮތް އޮއިވަރު އެދިމާލަށް ދާންމިޖެހޭ ޖެހުން ނުހުއްޓުވޭ. އެކަން ހުއްޓުވުމަށްޓަކައި ފުރަތަމަ ރަށްރަށުގައި އުޅޭ ރައްޔިތުންނަށް ޔަޤީންކަމެއް އެބަދޭންޖެހޭ. ތިމަންނަ ތިމަންނަގެ ރަށުގަ ހުރެގެން މި ޚިދުމަތްތައް ލިބޭނެކަން. ތަޢުލީމް ދަރިންނަށް ދިނުން. ސިއްޙީ ޚިދުމަތް އަދި ވަޒީފާ. ދެން ރަށުގަ އެ ގެންގުޅޭ އޮޑިދޯނިފަހަރު ވިޔަސް ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓޭނެ ބަނދަރަކާ އެއްޗެހި އޮންނަންޖެހޭ. އެކަންތައް ކޮށްދިނީމަ އަޅުގަނޑު ހިތުން އެ ވިސްނުން ބަދަލުވާނީ. މާލެއަށް މީހުންވެސް ދިޔައީ އެހެންވެގެން. މާލޭގަ ހުރިހާ ޚިދުމަތްތަކެއް ހުރީމަ. އެހެންވީމަ މިހާރު ކުރާ މަސައްކަތްތަކަކީ ދިގު ރާސްތާގައި ދުރު މުސްތަގުބަލުގަ މީގެ ބޮޑެތި ފައިދާތަކެއް ކުރާނެ ކަންތައްތައް."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ރީޖަނަލް ސެންޓަރުތަކެއް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެއީ ހައްދުންމަތީ ގަން ފަދަ ބޮޑެތި ރަށްރަށުގެ އާބާދީތަކަށްވެސް ކޮންމެހެން ކޮށްދޭންޖެހޭ ކަންކަން އެބަހުރިކަމަށާއި، އެކަމުގެ ސަބަބުން އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައިތިބި ރައްޔިތުންވެސް އެދިމާލަކަށް ދަތުރުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެމަނިކުފާނުގެ ވިސްނުންފުޅުކަން ހާމަކުރައްވާ ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކަކީ އެއްވެސް ހާލެއްގައި ޖަޒީރާ ވަންތަކަން ގެއްލޭގޮތަށް ހިންގާ މަޝްރޫޢުތަކެއް ނޫންކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އިޤްތިޞާދީ ކަންތައްތަކެއް އަންނަންޖެހޭކަމަށާއި، ޓޫރިޒަމްގެ އިތުރުން މަސްވެރިކަން މިހާރަށްވުރެ ފުޅާވާންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއާއެކު ރާއްޖޭގެ ރަށްރަށަށް ތަރައްޤީ އަންނާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.