ވިޔަފާރި

ތިމާވެށި ހިމާޔަތްކުރުމަކީ އިންވެސްޓްމަންޓްގެ ފުރުސަތު އިތުރުވާނެ ކަމެއް: މިނިސްޓަރ މައުސޫމް


ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ރާއްޖެއަށް ލިބޭ އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުވެގެންދާނެކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އޯއީސީއެމްގެ ކެނޑިޑެންސީ ހަވާލުކުރުމާއި ލޯގޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަދަރ އިފެކްޓިވް އޭރިއާ- ބޭސްޑް ކޮންޒަވޭޝަން މެޝާރޒް (އޯއީސީއެމް)ގެ ލޯގޯ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ލޯގޯ ލޯންޗްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ މައުސޫމްއެވެ.

އޯއީސީއެމްއަކީ ޤާނޫނެއް ނެތަސް ބަޔަކު ބަލަހައްޓައި ދިގުމުއްދަތަކަށް މެނޭޖްކުރާ ތަންތަނެވެ. އެގޮތުން މިތަންތަން ބެލެހެއްޓުމުގެ ސަބަބުން ތިމާވެއްޓަށް ނުވަތަ ދިރުންތަކަށް ފައިދާ ލިބެއެވެ.

އޯއީސީއެމްގެ ކެނޑިޑެންސީ ހަވާލުކުރުމާއި ލޯގޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި ޕްރޮޖެކްޓްގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން ވަކި ސަރަހައްދުތަކެއް ހިމާޔަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނާއި އަދި ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓްކުރާ ފަރާތްތަކުންވެސް މިހާރު ރިސޯޓްތަކުން ތިމާވެއްށި ހިމާޔަތްކުރާ މިންވަރަށް ބަލާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި ޕްރޮޖެކްޓްގައި ބައިވެރިވެފައިވާ ރިސޯޓްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެންމެ މުހިންމު ސަބަބަކީ މިއަދު އިންވެސްޓްމަންޓަށް އެހީވާ ބޭންކުތައްވެސް އަދި ފަތުރުވެރިންވެސް އަދި އެހެން ފަރާތްތަކުންވެސް ވަރަށް ބޮޑަށް ވިސްނާކަމެއް މިއީ ތިމާވެއްޓަށް، ސޯސިއަލް ރެސްޕޯންސިބިލިޓީއަށް ކުންފުނިތަކުން ކިހާވަރަކަށްތޯ މަސައްކަތް ކުރަނީ. ޙާއްސަކޮށް ތިމާވެށީގެ ބަޔަކީ ހަމަ މީހުން މިއަދު ރަނގަޅަށް ބަލާ އެއްޗެއް. ރިސޯޓަކަށް އައުމުގެ ކުރިން ބަލާނެ އެ ރިސޯޓަކުން ކިހާވަރަކަށްތޯ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ބާރުއަޅަނީ. އެހެންވީމަ މި ޕްރޮގްރާމްގައި އެންލިސްޓް ވެގެން މި ލޯގޯ ރިސޯޓްގެ ޕްރޮމޯޝަނަލް އެއްޗެހީގައި ޖަހާލީމައި އެ ވަރަށް ބޮޑު މާކެޓިން އެސެޓްއެއް އެލިބުނީ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އޯއީސީއެމްގެ ގައިޑްލައިން ޕަބްލިޝްކޮށްފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އެއަށްފަހު ރާއްޖޭގެ ރިސޯޓްތަކަށް ވަނީ އޯއީސީއެމްއަށްވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ހުޅުވާލި ފުރުސަތުގެ ދަށުން 5 ރިސޯޓަކުން ވަނީ އެކަމަށް އެދި ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން މީގެތެރެއިން 3 ރިސޯޓަކަށް މިހާރު އެ މިނިސްޓްރީން ވަނީ އޯއީސީއެމްގެ ކެނޑިޑެންސީ ދީފައެވެ. އެއީ ސިކްސް ސެންސް ލާމު، ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ހުރަވަޅި އައިލެންޑް ރިސޯޓްއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އޯއީސީއެމްއަކަށް ވެވޭނީ އެ ރިސޯޓްތަކުން މެނޭޖްމަންޓް ޕްލޭންއާއި، ހިމާޔަތްކުރާ ސަރަހައްދުގެ ބޮޑުމިނާއި، އިކޮލޮޖިކަލް ސަރވޭ ހުށައެޅުމުންކަމަށެވެ. އަދި އެ ރިސޯޓްތަކުން ކުރާ ތިމާވެއްޓާއި ރަހުމަތްތެރި މަސައްކަތައް ބެލުމަށްފަހު އެންވަޔަރަމަންޓް މިނިސްޓްރީން އޯއީސީއެމްއަކަށް ހަމަޖައްސާނެކަމަށެވެ.

އޯއީސީއެމްއަކީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.