ބޯހިމެނުމުގެ މަސައްކަތް ފެށުމަށްޓަކައި މީހުން އުޅޭ ތަންތަނުގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ބޯހިމެނުމުގެ މަސައްކަތް ފެށުމަށްޓަކައި މީހުން އުޅޭ ތަންތަނުގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތުގައި 4000 ސަރވެއަރުން ހަރަކާތްތެރިވެއެވެ.
ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ ދިހަ އަހަރަކުން އެއް ފަހަރު ކުރިއަށްގެންދާ ސަރވޭއެކެވެ.
ބޯހިމެނުމުގެ މަޤުޞަދަކީ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި، ދިރިއުޅުމުގެ ޙާލަތާއި އަދި އިޤްތިޞާދަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމެވެ. މި ސަރވޭގައި ދިިވެހިނާއި ބިދޭސީން ހިމެނޭހެން ރާއްޖޭގައި ދިރިއުޅެމުންދާ ކޮންމެ މީހެއްހެ މަޢުލޫމާތު ވަކިވަކިން އެއްކުރާނެއެވެ.
މަޢުލޫމާތު އެއްކުރާ ތަންތަނާއި މީހުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތަށް ޓީމްތަކުން މިހާރުވަނީ ނިކުންނަށް ފަށާފައެވެ. ބޯހިމެނުމަށް އެމީހެއްގެެ މަޢުލޫމާތު ނަގާނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ ރޭ 12:00އާއި ހަމައިން، އެމީހަކު ނިދައި ދިރިއުޅުނު ތާކުންނެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓީސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ މި ދެ ދުވަހު، ސެންސަސް ޓީމުގެ ބައިވެރިން އެއްކުރާނީ ގޭބިސީތަކާއި އެތަނެއްގައި ދިރުއުޅޭ މީހުންގެ އަދަދާއި ނަމާއި އަދި ވިޔަފާރިކުރާ ތަންތަނުގެ ނަމާއި އެތަންތަނުގައި މަސައްކަތްކުރާ މީހުންގެ އަދަދާއި ނަންތައްކަމަށެވެ.
"ލިސްޓް އެކުލަވާލަން ދާއިރު، އެ ގެތަކުން ތަފްސީލީ މަޢުލޫމާތު ނަގަންދާނެ ގަޑީގެ އެޕޮއިންޓްމަންޓް ޗިޓެއްވެސް ދޭނެ. އެ ސަރވެއަރަކަށް މެޕްކޮށް ދީފައިވާ ހުރިހާ ގެތަކާއި މަސައްކަތް ހިނގާ ތަންތަނަށް މި ދެ ދުވަސްތެރޭ ދާނެ" އައިޝަތު ހަސަން ވިދާޅުވިއެވެ.
ޑެޕިއުޓީ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ޝަހުދާ ވިދާޅުވީ ކަނޑު އުޅަނދުތަކާއި ރިސޯޓްތަކުގައިވެސް މިހާރު ލިސްޓް އެކުލަވާލުން ކުރިއަށްދާނެކަމަށެވެ. އެގޮތުން ކަނޑު އުޅަނދުގައި ބޯހިމަނާ މީހުންނަށް ޚާއްސަ ސްޓިކާއެއް ދޭނެކަމަށެވެ. އެއީ އެ މީހުންނަކީ ބޯހިމެނުމުގެ މުއްދަތުގައި ދަތުރުމަތީގައި އުޅޭނެ ބަޔަކަށްވާތީކަމަށް ޝަހުދާ ވިދާޅުވިއެވެ.
"4000 މީހުން މަސައްކަތުގައި ހަރަކާތްތެރިވޭ. މާލޭގައި 1900މީހުން. އަތޮޅުތަކުގެ ކޮންމެ ރަށެއްގައިވެސް ޓީމެއް ހިމެނޭ. އާބާދީގެ ނިސްބަތަށް ބަލާ، ކޮންމެ 50 ގޭބިސީއަކަށް 2 ސަރވެއަރުން ކަނޑައަޅާފައިވާނީ." ޝަހުދާ ވިދާޅުވީއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ ލިސްޓް އެކުލަވާލުމަށް ޓީމްތަކުން ދާއިރު އެކަމަށް ފަސޭހަކުރުމުގެ ގޮތުން، ގޭގެއާއި އަދި މަސައްކަތް ހިނގާ ތަންތަނަކީ ކޮބައިކަން އެނގޭގޮތަށް ނަން ޖަހާފައި ނުވަތަ ނަން ބޯޑު ހަރުކުރުމަށް އެދިފައެވެ. އަދި ބައިބަޔަށް ހުންނަ ތަންތަނުގައި، އެޕަރޓްމަންޓް ނަންބަރު އިނގޭނެހެން ބެހެއްޓުމަށް ވަނީ އެދިފައެވެ. އަތޮޅުތަކުގެ ރަށްރަށުގައިވެސް މިގޮތަށް ޢަމަލުކުރުމަށް ބިއުރޯއިން އިލްތިމާސްކުރެއެވެ.
މި މަސައްކަތުގައި އެހީވުމަށް، ތަޅުލާފައި ހުންނަ އިމާރާތްތަކަށް ވަނުމަށް މަގު ފަހިކޮށްދިނުމާއި ގޭބިސީތަކާއި މަސައްކަތް ހިންގާ ތަންތަނުގެ އިސް މީހުންނާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދިނުމަށް ދަނީ އެދެމުންނެވެ.