ޚަބަރު

ޝާހިދުގެ ދައުރުގައި އދ.އާއި ޤައުމުތަކާ އޮތް ގުޅުން އިތުރަށް ބަދަހިވި: ރައީސް


އދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ސެޝަންއަކީ ޤައުމުތަކުގެ ގުޅުން އިތުރަށް ހަރުދާނާ ވެގެންދިޔަ ކާމިޔާބު ސެޝަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުން ގެންދެވި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދައުރު ހަމަވުމާ ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.

އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ފާއިތުވެދިޔަ އެއް އަހަރު ޢަބްދުﷲ ޝާހިދު އަދާކުރައްވާފައިވާ ދައުރާއި ކުރައްވާފައިވާ މަސައްކަތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. ޝާހިދުގެ ރިޔާސަތުގައި އދ.އާއި ޤައުމުތަކާ އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެ، ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އދ.ގެ 76ވަނަ ސެޝަންގެ ރިޔާސަތު ދިވެހި ރައްޔިތަކު ބަލަހައްޓަވަމުން ގެންދެވިކަމީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާކަމަށް ރޭ ދެއްވި ވަދާއީ ތަގުރީގުގައި މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. މިއީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭން ބެލެހެއްޓި ފުރަތަމަ އަދި ތާރީޚީ ފަހަރުވެސްމެއެވެ.

އދ.ގެ ޢާންމު މަޖިލީހަކީ އދ.ގެ މައިގަނޑު 6 ގުނަންތަކު ތެރެއިން އެއް ގުނަންއެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަންވެސްމެއެވެ. އދ.ގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސެވެ. އަދި ޢާންމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދ.ގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވައެ.

ދިވެހިރާއްޖެއިން އދ.ގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހުއެވެ.